ޚަބަރު

ބިދޭސީން ހުއްދައިގެ ދާއިރާއިން ބޭރުވެޝަރުތުތަކާ ޚިލާފުވާނަމަ، ޤާނޫނީ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން


  • ބިދޭސީން ތިބެންވާނީ ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައިކަމަށް ވިދާޅުވި

  • ޝަރުތުތަކާ ހިލާފުވާ ބިދޭސީންނާ މެދު ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ވިދާޅުވި

ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ބޭރުވެ، އެހުއްދައިގައިވާ ޝަރުތުތަކާ ޚިލާފުވާ ނަމަ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ފަހަަކަށް އައިސް ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް،ހިންގަމުންދާ އޮޕަރޭޝަންތަކުގައި ބިދޭސިން ޤަވާއިދާ ޚިލާފަށް އަދި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފުއެތައް ކަމެއްގައި ހަރަކާތްތެރިވަނިކޮށް ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ޤާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ކުށެއްކަން ހަނދާންކޮށްދެއްވާފައެވެ. އިމިގްރޭޝަނުން ވިދާޅުވީ އެފަދަ ފަރާތްތައް ރާއްޖޭގައި ތިބެންވާނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި، އަދި އެ ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. އަދި ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ބޭރުން އަދި ހުއްދައިގައިވާ ޝަރުތުތަކާ ޚިލާފުވާ ބިދޭސީންނާ މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަން އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ދާއިރާގެ ބޭރުންނާއި، ހުއްދައިގައިވާ ޝަރުތުތަކާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީން ދަނީ ހައްޔަރުކުރަމުންނެވެ. އަދި މައްސަލަ ބަލައި ބައެއް ފަރާތްތައް ޑީޕޯޓުވެސް ކުރެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މިމަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.