ޚަބަރު

ޔަހޫދީންނަށް މަދަދުވެރިވާ ޖަމާޢަތްތަކުން ޣައްޒާގައި ހަމަޖެހުން ނަގައިލުމުގައި މަޑުޖެހުމެއްނެތި ކުރިއަށް


ޔަހޫދީންނަށް ޖާސޫސްކޮށްދޭ އަދި ޤައުމަށް ޣައްދާރުވެފައިވާ ފަލަސްޠީނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ އަލް ޤުއްވާތުއްޝަޢުބިއްޔާގެ އިސްވެރިޔާ، ޔާސިރު އަބޫ ޝަބާބުގެ މަރާއެކު ވެސް، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް ޙަމަލާދީ، ހަމަނުޖެހުން އުފެއްދުމުގައި ފަސް ނުޖެހޭނެކަމަށް އެ ޖަމާޢަތްތަކުން ބުނެފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަަމަލާތައް ދޭން ފެށީންސުރެ ވެސް އަބޫ ޝަބާބުގެ ޖަމާޢަތުން އިސްވެ އޮވެ ދިޔައީ ޔަހޫދީންނަށް ޖާސޫސްކޮށްދީ އެހީތެރިވަމުންނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް އައި ފަހުން އެ ޖަމާޢަތްތަކުން ޙަރަކާތްތެރިވަމުން ދިޔައީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ޣައްޒާގެ ސަރަޙައްދުތަކުގައެވެ.

ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، އެ ޖަމާޢަތްތަކުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޢަދަދު 600އިން 1،000އަށް އިތުރުވެފައިވާކަމަށް މިޞްރުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ލަފާކުރައްވައެވެ.

ޔަހޫދީން މި ޖަމާޢަތްތައް ބޭނުންކުރަނީ ޣައްޒާގައި ހަމަޖެހުން ނަގާލައި، ސުލްޙަ ޤާއިމުކުރަން ސީދާ ހުރަސްއެޅުމަށެވެ.