މިއަހަރުގެ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ އެފަދަ ފަރާތްތަކަށް ހަދިޔާ ދިނުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްއިން އިސްނަގައިގެން ބޭއްވި މި ހަރަކާތް ކުރިއަށް ގެންދިޔައީ، މިއަދު ހެނދުނު 9:30އިން 11:30އަށެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.
މި ހަރަކާތުގެ ތެރެއިން އެޗްއާރުސީއެމްއިން ވަނީ މަރުކަޒަށް އަވަނަކާއި، ފެން ސާފު ކުރާ ދެ މެޝިން ހަދިޔާކޮށްފައެވެ. އަދި މުނިފޫހިފިލުވުމަށް ކިޔޭނެ ބައެއް ފޮތްތައްވެސް ހަދިޔާ ކުރިއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ ކޮންމެ މީހަކަށް ވަކިން ހަދިޔާއެއް ދިނެވެ.
ހަދިޔާ ދިނުމުގެ އިތުރުން އެޗްއާރުސީއެމްއިން ވަނީ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޮޑުބެރު ޝޯވއަކާއި، ޓެލެންޓް ޝޯވއެއްގެ އިތުރުން ކުރެހުމުގެ ފުރުޞަތުތައްވެސް ފަހިކޮށްދީފައިވެއެވެ. މި ހަރަކާތްތަކަށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޢާއިލާގެ ބައެއް މެންބަރުންވެސް މަރުކަޒަށް އައިސްފައިވެއެވެ.
ގުރައިދޫ މަރުކަޒުގައި ބޭއްވި މި ހަރަކާތުގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ގުރައިދޫގައި ބާއްވާ މި ހަވީރުގައި ސަރުކާރުގެ އިދާރާތަކާއި، މުއައްސަސާތަކުން ބައިވެރިވާނެ ކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން ދަނީ، 10 ޑިސެންބަރުގައެވެ. މި ދުވަސް އިންސާނީ ޙައްގުތަކުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 1948 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގައި ފާސްކޮށް ނެރުނު ޤަރާރަކުންނެވެ. މިއީ، މި ދުވަސް ފާހަގަކުރާ 77 ވަނަ އަހަރެވެ.
އިންސާނީ ޙައްޤުތަކަކީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤުތަކެކެވެ. މި ޙައްޤުތައް މީހެއްގެ ފުދުންތެރި ކަމަކަށް، ހައިސިއްޔަތަކުން ނުވަތަ މީހާ އުފަންވެފައިވާ ޤައުމަކުން ބަދަލެއް ނުވެއެވެ. މި ޙައްޤުތައް ކަށަވަރު ކުރުމަށް ޤައުމުތަކުން ޤާނޫނުތަކުގައި އެ ޙައްޤުތައް ބަޔާންކޮށް އެއަށް އަމަލުކުރަމުންދެއެވެ.
މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމަކީ، އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމާއި އިންސާނީ ކަރާމަތް ކަށަވަރުކޮށް ރައްކާތެރި ކުރުމާއި ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމެވެ.