ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ތާވަލުގެ ފުލުގައި އޮތް ނަމަވެސް، ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރާނެ ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.
ލީގުގެ ފުރަތަމަ ބުުރު ނިމުނުއިރު ތާވަލުގެ ފުލުގައި ގްރީން ސްޓްރީޓްސް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. އަށްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސް ފުލުގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ފުރަތަމަ ބުރުގައި ކުޅުނު ފަހު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ގްރީން ސްޓްރީޓްސް ބަލިވިއިރު، އެ މެޗަށްފަހު ކޯޗު ނިސްތާރު ވަނީ ރެފުރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ނިސްތާރު ބުނީ ރެފުރީންގެ ނިންމުންތަކާއެކު ދިވެހި ޕްރިމިއަރ ލީގުގެ ފެންވަރު ވަރަށް ދަށް ކަމަށެވެ.
ލީގުގެ ފުލުގައި އޮތް ނަމަވެސް ނިސްތާރު ބުނީ ފަހު ވަގުތާ ޖެހެންދެން އެ ޓީމުން މަސައްކަތްކުރާނެ ކަމަށެވެ. އެކަމަކު ވަރަށް ގިނަ ކަންކަން ރަނގަޅުވާން ޖެހޭ ކަމަށާއި، އެ ޓީމުގެ ފަރާތުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވިއިރު، އަނެއް ހަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސް ނުކުންނާނީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.