ޚަބަރު

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި 2 ޓަނަށްވުރެ ބޮޑެތި އުޅަނދު ރަޖިސްޓްރީކުރެވޭ ގޮތް ހަދައިފި


  • ހުއްދަ ދޭނީ ވެހިކަލެއް ބާއްވާނެ ޖާގަހުރި ގަރާޖެއް ހުރެގެން

  • އެޗްޑީސީން ބަލާ އެހެން ކަންކަމަށްވެސް ހުއްދަ ދިނުމުގައި ބަލާނެ

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި 2 ޓަނަށްވުރެ ބޮޑެތި އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.

އެޗްޑީސީން ހަދާފައިވާ "ހުޅުމާލެ/ތިލަފުށި/ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލު"ގައި ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅިފަޅުގައި ގޯއްޗާއި ފްލެޓާއި ރޯހައުސްތަކަށް ދެ ޓަނަށްވުރެ ބޮޑެތި ލޮރީ ފަދަ ވެހިކަލް ރަޖިސްޓްރީ ނުކުރެވޭނެއެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، މިހާރު އެތަންތަނަށް އުޅަނދު ރަޖިސްޓްރީ ކުރެވޭގޮތް ވަނީ ހަދާފައެވެ.

އެޗްޑީސީން ވިދާޅުވީ ދެ ޓަނަށް ވުރެ ބޮޑެތި ލޮރީ އާއި ޓްރަކް ފަދަ ވެހިކަލް ރަޖިސްޓްރީކުރުމަށް ހުއްދަ ދޫކުރެވޭނީ އެ ހުށަހަޅާ ގޯތި، ފްލެޓް ނުވަތަ ރޯހައުސްގައި އެ ވެހިކަލެއް ބާއްވާނެ ޖާގަހުރި ގަރާޖެއް ހުރެގެންކަމަށެވެ.

ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅިފަޅުގައި ދެ ޓަނަށްވުރެ ބޮޑެތި އުޅަނދު ރަޖިސްޓްރީކޮށްދިން ނަމަވެސް އެޗްޑީސީން އުޅަނދު ރަޖިސްޓްރީކޮށްދޭނީ އެ ކުންފުނިން ބަލާ އެހެން ކަންކަމަށްވެސް ރިޢާޔަތް ކުރުމަށްފަހުއެވެ. އެގޮތުން، ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް މިހާރުވެސް ރަޖިސްޓްރީކުރުމުގެ ހުއްދަ އެ ކުންފުނިން ދޫނުކުރެއެވެ.