ޚަބަރު

ކައުންސިލް އިންތިޚާބު: 133 ރަށަކަށް 3 ކައުންސިލަރުން، 46 ރަށަކަށް 5 ކައުންސިލަރުން


  • ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު

  • ޖުމުލަ 1362 ދާއިރާއަކަށް މީހުން އިންތިޚާބުކުރާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ޢާންމުކޮށްފިއެވެ. ރިޕޯޓު ޢާންމުކުރުމާއެކު ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ވަގުތީ ރިޕޯޓުގައިވާ ގޮތުން ރަށު ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ކައުންސިލަރުންގެ ޖުމުލަ އަދަދަކީ 629އެވެ. އަދި ރަށު ކައުންސިލްތަކުގެ ދާއިރާތަކުގެ ޖުމުލަ އަދަދަކީ 179އެވެ. އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު، ސިޓީތަކުގެ ދާއިރާތަކުގެ އަދަދަކީ 47އެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 629 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 52 މެންބަރުން އިންތިޚާބުކުރަންޖެހެއެވެ.

އިންތިޚާބުކުރަންޖެހޭ ދާއިރާތަކާއި މެންބަރުންގެ ޖުމްލަ:

• ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ ދާއިރާގެ އަދަދު: 226
• ލޯކަލް ކައުންސިލްތަކަށް އިންތިޚާބަށް އިންތިޚާބުކުރަންޖެހޭ ޖުމްލަ އަދަދު: 681
• ޑަބްލިޔުޑީސީއަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު: 681
• ދެ އިންތިޚާބަށް އިންތިޚާބު ކުރަންޖެހޭ ޖުމްލަ އަދަދު: 1362

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ ބޮޑު ބަދަލަކާއެކީގައެވެ. އެގޮތުން ޤާނޫނުތަކަށް ގެނައި އިޞްލާޙުތަކަކާ ގުޅިގެން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުންނެވެ. 2000 މީހުންނަށްވުރެ އާބާދީ ބޮޑު ނަމަ 5 ކައުންސިލަރުންނެވެ. އަދި މި އިންތިޚާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެއެވެ.

އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައިވާ ގޮތުން 2000 އަށްވުރެ އާބާދީ ކުޑަވުމުން 3 ކައުންސިލަރުން ތިބޭނީ 133 ރަށެއްގައެވެ. އެގޮތުން އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސް އަދި 1 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ.

5 ކައުންސިލަރުން ތިބޭނީ 46 ރަށެއްގައެވެ. އެގޮތުން އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސް އަދި 2 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ 5 މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުން އާބާދީ ކަނޑައަޅުއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގައި ތިބި އާބާދީއަށް ބެލުމަށްފަހުއެވެ.

ސިޓީތަކަށް އިންތިޚާބުކުރާ ގޮތުގެ ތަފުސީލު:

• ކުޅުދުއްފުށި އަދި ތިނަދޫ ސިޓީ:

ރިޕޯޓުގައިވާ ގޮތުން 2025 ސެޕްޓެމްބަރު 30ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ޖުމުލަ އާބާދީއަކީ 11110 މީހުންނެވެ. އަދި ތިނަދޫ ސިޓީގެ ޖުމުލަ އާބާދީއަކީ 10453 މީހުންނެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށި އަދި ތިނަދޫ ސިޓީއަށް އިންތިޚާބުކުރެވޭނީ ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 7 ގޮނޑިއެވެ. ސިޓީ ކައުންސިލަށް އިންތިޚާބުކުރާ 6 މެންބަރުންގެ ތެރޭގައި 2 އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެއެވެ.

ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭނީ ސިޓީ ކައުންސިލަށް އިންތިޚާބުކުރަންޖެހޭ އަދަދާއި އެއް އަދަދެއްގެ މެންބަރުންނެވެ. އެހެންކަމުން ކުޅުދުއްފުށި އަދި ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭނީ 7 މެންބަރުންނެވެ. އެއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި 6 އިންތިޚާބީ ދާއިރާއިން، ކޮންމެ އިންތިޚާބީ ދާއިރާއަކުން 1 މެންބަރު އިންތިޚާބުކުރާ ގޮތަށެވެ.

• ފުވައްމުލައް ސިޓީ:

ފުވައްމުލައް ސިޓީގެ ޖުމުލަ އާބާދީއަކީ 13802 މީހުންނެވެ. ޏ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް، 8 އަވަށެއްގެ މައްޗަށް އެކުލެވޭ ދާއިރާއަކަށް ވެފައި، ކޮންމެ އަވަށެއް އިދާރީގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއެކު ލާމަރުކަޒީ ޤާނޫނުގެ ދަށުން ޏ.ފުވައްމުލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުކުރާނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، އިންތިޚާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން ކޮންމެ އަވަށަކަށް 1 ގޮނޑި ޖެހޭ ނިސްބަތުންނެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް އިންތިޚާބުކުރެވޭނީ ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 9 ގޮނޑިއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލަށް އިންތިޚާބުކުރާ 8 މެންބަރުންގެ ތެރޭގައި 3 އަންހެން ކައުންސިލަރުން ހިމަނަންޖެހޭނެއެވެ.

ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ ކައުންސިލަށް އިންތިޚާބުކުރާ އަދަދަށެވެ. އެއީ ރައީސާއި 10 މެންބަރުންނެވެ.

• އައްޑޫ ސިޓީ:

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ އައްޑޫގެ އިޚްތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މިހެންވެ މި ދެ ރަށް ނުލައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ޖުމުލަ އާބާދީއަކީ 28،800 މީހުންނެވެ.

ލާމަރުކަޒީ ޤާނޫނުގައިވާ މަތިން އައްޑޫ ސިޓީއަށް އިންތިޚާބުކުރެވޭނީ ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 11 ގޮނޑިއެވެ. އެއީ މޭޔަރާއި 10 މެންބަރުންނެވެ. އަދި ކައުންސިލަށް އިންތިޚާބުކުރާ 10 މެންބަރުންގެ ތެރޭގައި 3 އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެއެވެ.

ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ ކައުންސިލަށް އިންތިޚާބުކުރާ އަދަދަށެވެ. އެއީ ރައީސާއި 10 މެންބަރުންނެވެ.

• މާލެ ސިޓީ:

މާލެ ސިޓީގެ ޖުމުލަ އާބާދީއަކީ 83813 މީހުންނެވެ. މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން ޤާނޫނުގެ ދަށުން އިންތިޚާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތަށް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. އެގޮތުން 2024 ވަނަ އަހަރު އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހަށް މާލެ ސިޓީއަށް ކަނޑައަޅާފައިވާ 17 ދާއިރާއިން، ކޮންމެ ދާއިރާއަކުން މެންބަރަކާއި މޭޔަރު ހިމެނޭހެން، މާލެ ސިޓީ ކައުންސިލަށް އިންތިޚާބު ކުރެވޭނީ ޖުމުލަ 18 މެންބަރުންނެވެ. ސިޓީ ކައުންސިލަށް އިންތިޚާބުކުރާ 17 މެންބަރުންގެ ތެރޭގައި 6 އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެއެވެ.

ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ ކައުންސިލަށް އިންތިޚާބުކުރާ އަދަދަށެވެ. އެއީ ރައީސާއި 17 މެންބަރުންނެވެ.

ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން ރަށު ކައުންސިލްގެ ނައިބު ރައީސުންނާއި ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރާނީ ކައުންސިލަލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށައެޅޭނެކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ ކޮމިޝަނުގެ މެއިލް މެދުވެރިކޮށް ޝަކުވާ ހުށައެޅޭނެއެވެ.

ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބަކީ ކޮންމެ ފަހަރަކުވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެވެ.