ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރ. އަތޮޅުން ވ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މެންދަމު 2:15 އާ ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ސަމާލު ނެރެފައިވާ މުއްދަތުގައި ރ. އަތޮޅުން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މިރެއާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެއެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ދެ ދުވަހު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިދާނެތީ އެކަމަށް ސަމާލުވުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރައްވައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވައެވެ.