އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ޕެލަސް މޮޅުވެ ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން ޕެލަސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ފުލަމް އަށް ލިބިފައިވާ 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.
ފުލަމްގެ ކްރެވަން ކޮޓޭޖްގައި ހަތާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 20 ވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސްއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޑީ އެންކޭޓިއާ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ފުލަމްގެ ރައުލް ޖިމިނޭޒް ދިން ޕާހަކުން ހެރީ ވިލްސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުން ކްރިސްޓަލް ޕެލަސް އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކެޕްޓަން މާކް ގުއޭހީ އެވެ.
އޮލިވަރ ގްލޭޒްނަރގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ކްރިސްޓަލް ޕެލަސް އިން މި ސީޒަނުގައި ތަފާތު ރަގަޅު ނަތީޖާތަކެއް ނެރެމުންދާއިރު މިދިޔަ ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެބެރޭޗީ އެޒޭ ވިއްކާލުމަށްފަހުވެސް މި ސީޒަނުގައި އެ ޓީމުން ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ.
ކްރިސްޓަލް ޕެލަސް އިން އަންނަ ބުރާސްފަތި ދުވަހު ޔޫރޮޕާ ކޮންފަރެންސް ލީގުގައި މެޗެއް ކުޅުމަށްފަހު އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.