ޚަބަރު

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް މިސަރުކާރުން ފްލެޓު ދޭނެ: ރައީސް


  • ހިޔާ ފްލެޓުން ކުރިން ލިބި އަތުލާފައިވާ ފަރާތްތަކުން މި ސަރުކާރުގެ ދޭ ފްލެޓުތައް އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެ

  • އަންނަ މަހު ފޭސް 3 އިން ގޯތި ދޫކުރަން ފަށާނެ

ހިޔާ ފްލެޓުތަކުން މިދިޔަ ސަރުކާރުން ފެލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކަށް މިސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓްތައް ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެފަރާތްތަކަށް ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސަރުކާރުން ކުރިއަށްގެންދާ ސޯޝަލް ހައުސިން ޔުނިޓުތަކަށް ހިޔާ ފްލެޓުތަކުން މިދިޔަ ސަރުކާރުގައި ފެލެޓު ނުލިބޭނެކަމަށް ނިންމި ފާރާތްތަކުން ހަމައެކަނި ޖެހޭނީ އެއަށް ހުށަހަޅަންކަމަށެވެ. އެބޭފުޅުން އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެކަމަށެވެ. ރައީސް ވިދާޅުވީ ބީއެމްއެލް ފައިނޭންސްގެ ދަށުން ފަށާ މަޝްރޫއާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަށާ މަޝްރޫޢުގެ އިތުރުން އެކި މަޝްރޫޢުތަކުގެ ތެރެއިން 7500 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އެބޭފުޅުންނަށް ފްލެޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.

"އެއްފަހާރާ އެންމެނަށް ލިބޭގޮތަށް އެއް ޕްރޮޖެކްޓަކުން ފްލެޓުތަކެއް ނުއެއް އެޅޭނެ. ފުރަތަމަ ފަށާ ޕްރޮޖެކްޓުން ވަކި ވަރެއް ކަނޑައަޅާފައި މިވަނީ ފްލެޓު އަތުލި ފަރާތްތަކަށް ދިނުމަށް. އެކަން ކުރިއަށް އެބައޮތް. އެކި ކެޓަގަރީތަކުން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. ހިއްކުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވި، އަންނަ އަހަރުގެ ޖެނުއަރީމަހު އެބިމުން ގޯތި ދޫކުރުމުގެ މަސައްކަތާއި ރަޖިސްޓްރީތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލޭންޑްޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށާއި އެއްވެސް މީހަކަށް ލިބިފައިވާ ގޯއްޗެއް މިސަރުކާރުން އަތުނުލާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ މިހާރު ހިއްކާފައިވާ ސަރަޙައްދުތަކުން ގޯތިތައް ހަވާލުކުރަމުން އަންނަކަމަށެވެ.

"ގުޅިފަޅުން ގޯތި ލިބުނު މީހުންނަށްވެސް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. ބައެއް މީހުންނަށް ވަޑައިނުގަނެވުނު. ނަމަވެސް މިނިސްޓްރީން އެފަރާތްތަކަށް ގުޅައިގެން އެމަސައްކަތް ކުރަމުން ދަނީ. އެއްވެސް މީހަކު ކެންސަލްނުކޮށް ފުރުސަތު ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެފަޅު ހިއްކުމުގެ މަސައްކަތް ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކާ ނިމުމުން ފަށާނެކަމަށެވެ. އަދި 2 ޑްރެޖަރ ބޭނުންކޮށްގެން 3 މަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ބިން ހިއްކާ ނިމުމާއެކު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ހިއްކާ ބިންތަކުގައި ޔުޓިލިޓީގެ ޚިދުމަތްތައްވެސް ދިނުމަށް ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.