ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ނުނެގެހެއްޓޭކަމުގެ ދަލީލެއްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދޯހާ ފޯރަމް 2025ގެ ހަވާސާގައި ކުރިއަށްގެންދިޔަ ވަޒީރުންގެ ރައުންޑް ޓޭބަލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުން ބޭއްވީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާފުގެ ނިޒާމު ނެގެހެއްޓުމުގެ ޝިޢާރުގެ ދަށުންނެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރައުންޑް ޓޭބަލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު އަލިއަޅުވާލެއްވި ކަންކަން ޙިއްސާކުރައްވާފައެވެ. އެގޮތުން ކޮންމެ ޤައުމެއްގެ މައްޗަށް ވެސް އިންސާފު ނެގެހެއްޓެންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ ފަލަސްޠީނުގައި ހިންގާ ޤަތުލުޢާންމާ ގުޅިގެން ޔަހޫދީން، އިންސާފުގެ ކުރިމައްޗަށް ގެނެސް، ކުށެއް ނެތް ޢާންމު އެތައް ރައްޔިތެއްގެ ޙައްޤު ހިމާޔަތްކޮށް ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމަށް ޓަކައި ޤައުމުތައް ގުޅިގެން މަސައްކަތްކުރަންވީ ވަގުތުކަން ވެސް ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަށް ހައްލު ނުހޯދެވި އެކަމުގައި އިންސާފު ޤާއިމުވުން ލަސްވުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ނުނެގެހެއްޓޭކަމުގެ ދަލީލެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ޑިޕްލޮމަސީގެ އުޞޫލުތައް ނެގެހެއްޓުމަށާއި ބައިނަލްއަޤުވާމީ ގޮތުން އިންސާފު ޤާއިމުކުރުމުގައި ނަޒާހަތްތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ. އަދި މަޝްވަރާކޮށް، ބައިނަލްއަޤުވާމީ ގޮތުން ގުޅިގެން މަސައްކަތްކުރުމަކީ ދެމެހެއްޓެނިވިކަމާއި ހަމަހަމަކަމާއެކު ކޮންމެ ޤައުމެއްގެ މައްޗަށްވެސް އިންސާފު ޤާއިމުކުރުމަށް ކުރުން މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ދޯހާ ފޯރަމަކީ ސިޔާސަތު ކަނޑައަޅައި ފަންތީގެ އެކި ޤައުމުތަކުގެ ލީޑަރުން އެއްތަނަކަށް އެއްވެ ދުނިޔެއަށް ދިމާވަމުންދާ އެކި މައްސަލަތަކާ މެދު ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ފޯރަމެކެވެ.
މިއަހަރުގެ ފޯރަމްގެ ޝިޢާރު އަމާޒުކޮށްފައިވަނީ އިންސާފު ޤާއިމުކުރުމާ ގުޅޭގޮތުންނެވެ. ފޯރަމް ކުރިއަށްދަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށެވެ.