ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑު، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖޭން ކާމިޔާބުކޮށްފިއެވެ. މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ބާއްވާފައިވަނީ ބަޙްރެއިންގައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖޭން ވަނީ ޝަރަފުވެރި ދެ މަގާމެއް ދިފާޢުކޮށްފައެވެ. އެގޮތުން، ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް 6ވަނަ ފަހަރަށް އަދި ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން، ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމު ދެވަނަ ފަހަރަށް ރާއްޖޭން ވަނީ ހޯދާފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެއެވެ. މި އެވޯޑުދެނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު ރާއްޖެއަށް ލިބުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތްތައް ރަމްޒުކޮށްދީ، އެ މަސައްކަތުގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ދެ އެވޯޑުގެ އިތުރުން ސަރަހައްދީ 3 އެވޯޑެއްވެސް ރާއްޖޭން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްގައި ކާމިޔާބުކޮށްފައެވެ. އެއީ
ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ދެ އެވޯޑް ރާއްޖޭން ދިފާޢުކޮށްފައިވާއިރު އެ ސިނާއަތުން މިއަހަރު ވަނީ މުހިންމު ރެކޯޑުތަކެއް ގާއިމްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރިން މިއަހަރުގެ ދެމިލިއަން ފަތުރުވެރިންގެ އަމާޒު ވަނީ ހާސިލްކޮށްފައެވެ.
މިއަހަރުގެ ތެރޭގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ރާއްޖެއިން ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފުޅާ ދާއިރާއެއްގައި އެމްބެސެޑާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، ތަފާތު ޑިޖިޓަލް ކެމްޕޭންތަކެއް ކުރިއަށް ގެންދިއުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑެތި އެކްސްޕޯތަކާއި ފެއާ އަދި ރޯޑްޝޯތަކުގައި ރާއްޖެ ތަމްސީލްކުރުން ފަދަ މުހިންމު މަސައްކަތްތަކާއި، ދުނިޔެ ބަލައިގަންނަ ބޮޑެތި ބްރޭންޑްތަކާ އެކު ޕާޓްނާޝިޕް ވަނީ ގާއިމްކޮށްފައެވެ.
އަންނަ އަހަރަށްވެސް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން ވިދާޅުވިއެވެ. އެގޮތުން މުޅި އަހަރަށް އަމާޒުކޮށް "އޯޝަން ނޭޝަން"ގެ ތީމުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.