ޚަބަރު

ދެ ގެއަކުން، ވޭޕާ ގުޅޭ 500 އަށްވުރެ ގިނަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް


  • ގެ ބަލާ ފާސްކުރީ، ކޯޓު އަމުރެއްގެ ދަށުން

  • މި ތަކެތި ހޯދީ އިއްޔެ

ދެ ގެއެއް ބަލައި ފާސްކޮށް ވޭޕާއި ގުޅޭ 500 އަށްވުރެ ގިނަ އައިޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި ދެ ގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ވަނީ ފެނިފައެވެ. އަދި އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވެއެވެ. އެގޮތުން މި އޮޕަރޭޝަންތަކުގައި ޖުމްލަ 544 އައިޓަމެއް ހޯދާފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ، އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

ވޭޕްގެ ބާވަތްތައް އެތެރެ ކުރުމާއި، ބޭނުން ކުރުމަކީ ރާއްޖޭގެ ޤާނޫނުން މަނާ ކަމެކެވެ.