ޚަބަރު

އިންގްލެންޑް އޮތީ އުނދަގޫ ގްރޫޕެއްގައި: ޓުޗެލް


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި އިންގްލެންޑް ހިމެނިފައިވަނީ އުނދަގޫ ގްރޫޕެއްގައި ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އެމެރިކާގެ ވޮޝިންޓަން ޑީސީ ގައި ރޭ ބޭއްވު ގުރުއަތުލުމުގައި އިންގްލެންޑް ހިމެނިފައިވަނީ ކްރޮއޭޝިޔާ އާއި ގާނާގެ އިތުރުން ޕެނަމާ އާއިއެކު ގްރޫޕް އެލް ގައެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އިންގްލެންޑް ނިކުންނާނީ ކްރޮއޭޝިޔާ އާއި ދެކޮޅަށެވެ.

ކްރޮއޭޝިޔާ އަކީ 2018 ވަނަ އަހަރު ރަޝިޔާ ގައި ބޭއްވި ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރުމަށްފަހު އެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދާފައިވާ ޓީމެވެ.

ގުރުލުމުގެ ރަސްމިއްޔާތަށްފަހު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފައިވަނީ މިއީ އުނދަގޫ ގްރޫޕެއް ކަމަށާއި ކްރޮއޭޝިޔާ އާއި ގާނާ އަކީ ވޯލްޑްކަޕަށް އައު ޓީމުތަކެއް ނޫން ކަމަށެވެ. އަދި ޕެނަމާ އާއި ގުޅޭ ގޮތުން މާބޮޑު މައުލޫމާތެއް ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޓީމުގެ ކަންތައްތައް ދިރާސާ ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

"ގާނާ އާއި ކްރޮއޭޝިޔާ އަކީ ވޯލްޑްކަޕްގައި ވާދަކޮށްފައިވާ ޓީމުތަކެއް އަދި އެ ޓީމުތަކަށް މިފަދަ މުބާރާތެއްގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން." ޓުޗެލް ބުންޏެވެ.

"ފުޓްބޯޅަ މުބާރާތެއްގެ ގްރޫޕް ސްޓޭޖެއްގެ މެޗުތައް އަހަރެންނަށް ހަމައެކަނި ތަޖުރިބާ ކުރެވިފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައެވެ. އެހެންކަމުން އަހަރެއް މި ފަހަރުވެސް ނިކުންނާނީ އިދިކޮޅު ޓީމަށް އިހުތިރާމުކޮށްގެން ގްރޫޕްގެ އެއްވަނަ މަގާމް ހޯދުމަށް." ޓުޗެލް އިތުރަށް ބުންޏެވެ.

އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑްކަޕުން އިންގްލެންޑް ފުރުސަތު ހޯދާފައިވަނީ ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ލަނޑެއް ވަނަނުދީ ވަރަށް ފުރިހަމަ ރެކޯޑަކާއިއެކުގަ އެވެ.

ޖުމްލަ 48 ޓީމު ވާދަކުރާ ގޮތަށް ވޯލްޑްކަޕްގެ ފޯމެޓަށް ބަދަލު ގެނެސް މި ގޮތަށް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.