ޚަބަރު

އޮޕަރޭޝަން އަލިމަގު: މިހާތަނަށް އައްޑޫން 10 މީހަކު ހައްޔަރުކޮށްފި


  • 6 މީހެއްގެ ބަންދު މުއްދަތު ވަނީ އިތުރުކޮށްފައި

  • ކޯޓު އަމުރުގެ ދަށުން 10 ތަނެއް ބަލައި ފާސްކޮށްފައިވޭ

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީގެ 10 ތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މި މީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. އެގޮތުން ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 5 މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.