ޚަބަރު

ކަނޑު އުޅަނދުފަހަރުގެ 3392 ސަލާމަތީ ސެޓްފިކެޓް ދޫކޮށްފި


  • 2024 ވަނަ އަހަރު 1750 ސަލާމަތީ ސެޓްފިކެޓް ދޫކުރި

  • 2025 ވަނަ އަހަރު 1642 ސަލާމަތީ ސެޓްފިކެޓް ދޫކުރި

2 އަހަރު ތެރޭގައި ކަނޑު އުޅަނދުފަހަރުގެ 3392 ސަލާމަތީ ސެޓްފިކެޓް ދޫކޮށްފައިވާކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދެއެވެ. ކަނޑު ދަތުރުފަތުރަކީ ރާއްޖޭގެ އިޤްތިސާދު ބިނާކޮށް ދެމެހެއްޓުމުގެ އެންމެބޮޑު އެއްބާރުއެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

އެގޮތުން އާންމު ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ޤާނޫތަކާއި ޤަވައިދުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް އެ ވުޒާރާއިން ގެނެސްފައެވެ.

ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމުގައި މިހާތަނަށް އާންމު ރައްޔިތުންނަށް ދިމާވަމުންއައި ދަތިތައް ހައްލު ކުރުމުގެ ގޮތުން ސަލާމަތީ ސެޓްފިކެޓް ހެއްދުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން 1 އަހަރުގެ މުއްދަތަކަށް ދޫކުރަމުންއައި ސަލާމަތީ ސެޓްފިކެޓުތަކުގެ މުއްދަތު މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައިވަނީ 5 އަހަރަށް ބަދަލުކޮށްފައެވެ.

އެ ވުޒާރާއިން ވިދާޅުވީ ކޮންމެ އުޅަނދެއްވެސް އަހަރަކު 1 ފަހަރު ސާރވޭކޮށް އެންޑޯޒްކޮށް ވެލިޑޭޓް ކުރަން ޖެހޭގޮތައް ޤަވައިދަށް ބަދަލުގެނެސް 2024 ސެޕްޓެމްބަރ މަހުގެ ތެރޭގައި ސެޓްފިކެޓް ދޫކަރަން ފަށާފައިވާކަމަށެވެ.

އެގޮތުން ކަނޑު އުޅަނދާއި ފަސިންޖަރުންނާއި މުދާ ހިމެނޭހެން 2024 ވަނަ އަހަރު 1750 ސަލާމަތީ ސެޓްފިކެޓް ވަނީ ދޫކޮށްފައެެވެ. އަދި 2025 ވަނަ އަހަރު 1642 ސަލާމަތީ ސެޓްފިކެޓް ވަނީ ދޫކޮށްފައިއެވެ. ޖުމްލަ 3392 ސަލާމަތީ ސެޓްފިކެޓް ދޫކޮށްފައިވާކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގައި ބުނާ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާގޮތަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދެއްގައި ކުރެވޭ ބޭނުމަކާ އެއްގޮތްވާގޮތުގެ މަތިން އަހަރަކު އެއްފަހަރު ސާރވޭކޮށް، ސަލާމަތީ ކަންތައްތައް ފުރިހަމަ ކުރެވިފައި ހުންނަންވާނެއެވެ. އަދި، އެކަން އަންގައިދިނުމުގެ ގޮތުން ދޫކޮށްފައިވާ އެންމެހައި ސަލާމަތީ ސެޓްފިކެޓުތަކުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއެއް އުޅަނދުގައި އޮންނަންވާނެއެވެ.

އުޅަނދަކުން ދަތުރުކުރުމަށް ހުއްދަކޮށްފައިވާ މީހުންގެ އަދަދު އިތުރުކުރުމަށް، ނުވަތަ އުޅަނދުން ކުރާ ބޭނުން ބަދަލުކުރުމަށް، ނުވަތަ އެހެން ސަބަބަކާހުރެ ނަމަވެސް ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސެޓްފިކެޓެއް އައުކޮށްދޭނަމަ، އެ ސެޓްފިކެޓް ދޫކުރާނީ ސަރވޭކުރާ ތާރީހުން ފެށިގެން، ކުރިން ދޫކޮށްފައިވާ ސެޓްފިކެޓުގެ މުއްދަތަށެވެ.

އުޅަނދަށް ދޫކޮށްފައިވާ ސެޓްފިކެޓެއް ގެއްލިފައިވާނަމަ، އުޅަނދު ދަތުރުކުރަން ފެށުމުގެ ކުރިން އެ ސެޓްފިކެޓެއް ހައްދަންވާނެކަމަށް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ސެޓްފިކެޓް ހެދުމަށް ހުށަހަޅާއިރު ސެޓްފިކެޓް ހެދުމުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ސެޓްފިކެޓަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށްފަހު، އުޅަނދަށް ދޫކޮށްފައިވާ ސަލާމަތީ ސެޓްފިކެޓެއްގެ މުއްދަތަށް، އަލުން އެ ސަލާމަތީ ސެޓްފިކެޓެއް ހަދައިދެވިދާނެއެވެ. ގެއްލިގެން ހެދުމަށް ހުށަހަޅާ ސެޓްފިކެޓަށް ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެކަމަށް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.