ޚަބަރު

ކެރަމް ވޯލްޑް ކަޕް: ފިރިހެން ޓީމު އިވެންޓުގެ ތިންވަނަ ހޮވާ މެޗުން ރާއްޖެ ބަލިވެއްޖެ


  • ތިނަވަނަ ހޮވާ މެޗުގެ ޑަބަލްސްގައި ބަނގްލަދޭޝްގެ ޕެއާ އަތުން ރާއްޖެ ވަނީ ސީދާ ދެ ސެޓުން ބަލިވެފަ

  • ބަންގްލަދޭޝްގެ ޕެއާ މޮޅުވީ 25-9، 23-10 އިން

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ ފިރިހެނުންގެ ޓީމް އިވެންޓުގެ ތިންވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ފިރިހެން ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގެ ޑަބަލްސް ގޭމްގައި ބަނގްލަދޭޝްގެ އަނީސް އަހުމަދު އާއި ބާސޫ ދާސްގެ ޕެއާ އަތުން ރާއްޖޭގެ އާދަމް އަދީލް އާއި އިސްމާއިލް އަޒްމީންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުން ބަންގްލަދޭޝްގެ ޕެއާ މޮޅުވީ 25-9، 23-10 އިންނެވެ.

މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ ހަސަން ނާޒިމް ވަނީ ބަންގްލަދޭޝްގެ ހެމްއަތު މޮއްލާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ.

ސިންގަލްސް ދެވަނަ މެޗުގައި ތިން ސެޓަށް ދިގުދެމިގެންދިޔައިރު، ރާއްޖޭގެ އިބްރާހިމް ހުޖާން އަލީ އަތުން ބަންގްލަދޭޝްގެ ހަފީޒުއްރަހުމާން މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ހަފީޒުއްރަހުމާން 20-19 އިން ކުރިހޯދިއިރު، ހުޖާން ވަނީ ފޯރިގަދަކޮށްދިޔަ ދެވަނަ ސެޓު 24-23 އިން ކާމިޔާބުކޮށްފައެވެ. އެއަށްފަހު، ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހަފީޒުއްރަހުމާން މޮޅުވީ 18-13 އިންނެވެ.

މި މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި ސްރީ ލަންކާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް
ހާސިލްކޮށްފައެވެ.