ޚަބަރު

ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 347 މީހުން؛ ކުށުގެ ގޮތުން އެހާފަސޭހައިން ދޫކޮށެއް ނުލެވޭނެ


  • ވާނުވާ ބަންދުގައި މިވަގުތު ތިބީ 347 މީހުން

  • މީގެތެރޭގައި ތިބި ބޮޑެތި ކުއްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން

ޝަރީއަތް ނިމެންދެން ބަންދުގައި މިވަގުތު ތިބީ 347 މީހުންކަމަށާއި މީގެތެރޭގައި ގިނައީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާފަންނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އާއްމު ރައްޔިތަކު ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަނުވާ ބަންދުގެ މައްސަލަ މީގެކުރިން އޮތީ އެއްގޮތަކަށްވެސް ވާ"ނުވާ ނޭނގޭ" މައްސަލައެއްގެ ގޮތުގައިކަމަށެވެ. އެކަން އެހެން ވެފައި އޮތީ ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓު ހިންގުމަށް އެކަށިގެންވާ ވަސީލަތްތައް ހަމަނުޖެހި އޮތުމުން، މައްސަލަތައް ފުނި ޖެހުމުން ގޮސް ކަމަށެވެ.

މި ސަރުކާރުން ވަރަށް މަސައްކަތް ކޮށްގެން މި 2 ކޯޓު ހިންގާނެތަން ހަމަޖައްސައިދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ޝަރީއަތް ހިނގާނެގޮތް އެއްވެސް ގޮތެއް ނޭނގި ވާނުވާގައި ތިބި މީހުންގެ ޝަރީއަތް ކުރެވޭނެ ދުވަހާއި މި މައްސަލަތައް އަވަހަށް ބެލޭނެގޮތް ހަމަޖެހިގެން ދިއުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު ވަރަށް ގިނަ މައްސަލަތައް ހައްލުކުރެވި ވާނުވާ ފުނިޖެހިފައި ހުރި މައްސަލަތައް ބެލެމުން އެދަނީ. ކުރީގައި ކެޕޭސިޓީ ނެތީ. ޖާނަ ނެތީމަ ނުބެލިފައި ހުރި ކަންތައްތައް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތު ވާނުވާ ބަންދުގައި ތިބި 347 މީހުންނަކީ ބޮޑެތި ކުއްތަކުގެ ތުހުމަތުގައި ތިބި މީހުންކަމަށެވެ. އަދި އެކަންކަން ރަނގަޅަށް ނުބަލައި، އެމީހުން ހަމަ ހުރެފައި ދޫކޮށްލަން އެއްވެސް ރައްޔިތަކު ބޭނުންވާނެތޯ ރައީސް ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތަފްސީލްތައް މިރޭ ހަމަކުރައްވާފައެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ ތަފްސީލް:

* ޝަރީއަތް ނިންމަންޖެހޭ މީހުންގެ އަދަދު: 347
* މީހުން މަރާފައި ހުރި ކަމުގެ ތުހުމަތުގައި: 29 މީހުން
* ޓެރަރިޒަމްގެ މައްސަލަތަކުގައި: 20 މީހުން
* ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި: 117 މީހުން
* މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި: 70 މީހުން
* ޑްރަގް ޓްރެފިކިންގ: 116 މީހުން
* އެހެނިހެން މައްސަލަތަކުގެ ގޮތުގަގައި ހިމެނެނީ: މަނީ ލޯންޑްރިން، ވައްކަންކުރުން، ހަތިޔާރުބޭނުންކޮށްގެން ވައްކަން ކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕްކުރުން، ހިޔުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން، ސްމަގްލް ކުރުން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ޖުޑިޝަރީ މިނިވަންކޮށް މި ގެންނަ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތްކަމަށެވއ.