ޚަބަރު

ސަންޑަލޭންޑް އިން ލިވަޕޫލް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑާލޭންޑް އާއި ދެކޮޅަށް ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ކޯޗު އާނޭ ސްލޮޓް ވަނީ ފޯވަޑް މުހައްމަދު ސަލާ ޖެހިޖެހިގެން ދެވަނަ މެޗަށް ބެންޗަށް ލާފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި އޭނާ ވަނީ ކުޅެން އަރުވާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ލިވަޕޫލް އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ސަންޑަލޭންޑް އަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން އެ ޓީމުން ވަނީ ޖުމްލަ 6 ހަމަލައެއް ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ހާފުގައި ސަންޑަލޭންޑްގެ ޓްރެއި ހޫމް ފޮނުވާލި ބާރު ހަމަލައެއް ވަނީ ލިވަޕޫލްގެ ގޯލަށް އަމާޒުވެފަ އެވެ.

ސަންޑަލެންޑް އިން މި މެޗުގައި ލަނޑު ޖަހާފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި ޗެމްސްޑައިން ޓަލްބީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަދެފައިވަނީ ޑިފެންޑަރ ވެންޑައިކްގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސްފަ އެވެ.

ލިވަޕޫލް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ފްލޯރިއަން ވާރޓްސް ފޮނުވާލި ބޯޅައެއް ސަންޑަލޭންޑްގެ ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މި ނަތީޖާ އާއިއެކު ސަންޑަލެންޑް އަށް 14 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ވަނީ ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ލިވަޕޫލް އަށް ލިބިފައިވާ 22 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.