ޚަބަރު

ނެޝަނަލް ޑިވެލޮޕްމަންޓް ސްކްރީނިން ޓޫލް: ޖީލުތަކަކަށް އޭގެ ފައިދާކުރާނެ


  • މިޓޫލާއެކު ދުރާލާ ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެނެގަނެވި ނިޒާމީ ފަރުވާއަށް ގެނެވޭނެ

  • ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ

"ނޭޝަނަލް ޑިވެލޮޕްމަންޓް ސްކްރީނިންގ ޓޫލް"އާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަވަހަށް ފަރުވާ ދެވި، ޖީލުތަކަށް އޭގެ ފައިދާކުރާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޅަފަތުގައި ކުދިންގެ ހެދިބޮޑުވުން ލަސްވާކަން ދެނެގަނެވި އަވަހަށް އެކުދިންނަށް ފަރުވާގެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މިހާރު ވަނީ "ޑިވެލޮޕްމެންޓަލް މައިލްސްޓޯން ޓްރެކިންގ ފޯމް" ތަޢާރަފްކުރައްވާފަފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޖުތިމަޢީ އަދި ޢާއިލި ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވީ، ރާއްޖެއިންވަނީ ކުޑަކުދިންނާއި ގުޅޭ ސިއްޙީ އަދި ދުޅަހެޔޮ ކަންކަމުން ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިކަމަށެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ކުދިން އަވަހަށް ދެނެގަނެވި ނިޒާމީގޮތެއްގައި ފަރުވާ ދެވުމުގެ ސަބަބުން ނުކުޅެދުންތެރިކަމުގެ ސަބަބުން އެކުދިންނަށް އެހެން މީހުންނެކޭ އެއްގޮތަށް މުޖުތަމަޢުގައި ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ތަޢާރަފްކުރެވުނު "ޑިވެލޮޕްމެންޓަލް މައިލްސްޓޯން ޓްރެކިންގ ފޯމް" އާއެކު ޖީލުތަކަށް ދެމިގެންދާނެ ފައިދާތަކެއް މުޖުތަމަޢަށްކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިޓޫލްގެ ސަބަބުން މައިންބަފައިންނަށް އެމީހުންގެ ދަރިންގެ ތަފާތެއް ހުރިކަން ދެނެގަތުމަށް ފަސޭހަވެގެންދާނެ. ޓިޗަރުންނަށް އެފަދަ ކަމެއް ކްލާސްތެރެއިން ފާހަގަކުރެއްވުމުން ރަސްމީ ރިފަރަލް ނިޒާމުގެ ތެރެއިން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޝާމިލު މުޖުތަމަޢެއް ފުރިހަމަވެގެންދަނީ ނިޒާމުތައް ބައްޓަންކުރާއިރު ކޮންމެ ކުއްޖަކުވެސް އެންމެ ތުއްތު އިރުން ފެށިގެން އެކުއްޖެއްގެ ބޭނުންތައް ފެނި އަޑުއިވި އަދި އެއަށް ފުރިހަމައަށް އިޖާބަދެވޭނެ ނިޒާމެއް ޤާއިމުކުރެވިގެންކަމަށެވެ. އަދި ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް މުޖުތަމަޢުގެ ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާޒީއިން ފެންނަންއޮތީ މިފަދަ ކޮންމެ ކަމެއްގައި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާއެކު ގުޅިގެންކުރެވޭ މަސައްކަތުން ބޮޑެތި ނަތީޖާތައް ފެނިގެންގޮސްފައިވާކަންކަމަށެވެ. އެގޮތުން 90ގެ އަހަރުތަކުގައި ވިހެއުމުގެ ތެރޭގައި ކުދިންނާއި މައިން މަރުވާ ނިސްބަތް ފަޤީރު ޤައުމުތަކުގައި އެނިސްބަތް އޮތް މިންވަރުގައި ހުރުމަށްފަހު ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިއަދު އޭޝިއާގައި އެންމެ މަދުން ވިހެއުމުގެ ތެރޭގައި ކުދިންނާއި މައިން މަރުވާ ލިސްޓުގައި ރާއްޖެ ހިމެނިފައިވާކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ދުރާލާ ދެނެގަނެވި ފަރުވާގެ ނިޒާމު ހަރުދަނާވެގެންދިޔުމުން މިކަމުގައިވެސް ބޮޑު ބަދަލެއް މުޖުތަމަޢުން ފެންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.