ޚަބަރު

"ސްޓެލްކޯއިން ޚިދުމަތްދޭ ކޮންމެ ރަށެއްގެ %33 ކާރބަން ނިއުޓްރަލް ކުރުމަކީ، އަމާޒެއް"


  • 100% އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވި

  • އެންމެ ރަނގަޅު ގޮތަކީ ހައިބްރިޑް ސިސްޓަމް ތައާރަފްކުރުންކަމަށް ވިދާޅުވި

މަސައްކަތް ކުރަމުންދަނީ ސްޓެލްކޯއިން ޚިދުމަތްދޭ ކޮންމެ ރަށެއްގެ 33 އިންސަތަ ކާރބަން ނިއުޓްރަލް ކުރުމަށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ. ޝަމާހު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ހަފްތާ 104 ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ކަރބަން ނިއުޓްރަލް ކުރުމަކީ، ރަށުން ޖައްވަށް ބޭރުކުރާ ވިހަ ގޭހާ އެއްވަރަށް، އެ ވިހަ ގޭސްތައް ޖައްވުން ސާފުކުރެވޭނެ ނިޒާމެއް އޮތުމެވެ.

އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ 5 އަހަރު ދުވަހުގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވީ ވ. ރަކީދޫގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމާއެކު އެ ރަށުގައި މިހާރު ޖަނަރޭޓަރ ޖައްސަން ޖެހެނީ ވަރަށް މަދު ވަގުތެއްކަމަށެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓެއް ގޮތުގައި ބަލައި މިރަށް 100 އިންސައްތަ ބެޓެރިން ކަރަންޓު ފޯރުކޮށްދެވޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަމާހު ވިދާޅުވިއެވެ.

ޝަމާހު ވިދާޅުވީ ރަކީދޫގައި އެގޮތަށް ހިންގިނަމަވެސް ބާކީ ހުރި ރަށްރަށް އެގޮތަށް ބަދަލުކުރުމުގެ ވިސްނުމެއްނެތްކަމަށެވެ. އޭނާ ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގެ 33 އިންސައްތަ ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޝަމާހު ވިދާޅުވީ ބައެއް ހާލަތްތަކުގައި 100 އިންސައްތައަށް ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ހައި ބްރިޑް ސިސްޓަމް ތައާރަފްކުރުންކަމަށެވެ.

" 100 ޕަސެންޓަށް ކުރިއަށް އަޅުގަނޑުމެންނަށް ޖެނެރޭޓަރުތައް މިހެން އެއްކައިރި ނުކުރެވޭނެ. ނުކުރެވޭނެ އެންމެ ބޮޑު ސަބަބަކީ ވިއްސާރަ މޫސުމުގައި އަޅުގަނޑުމެން ކިހިނެތްތޯ ހަދާނީ. އެވަރަށް އަވި ނުދީ އެވަރަށް ސޯލަރ ޕަވަރ ނުލިބިއްޖެއްޔާ ކޮންމެ ގޮތެއްވިއަސް ބެކަޕް ސިސްޓަމްތައް ހުންނަން ޖެހޭނެ. މީގަ އެންމެ ރަނގަޅު ގޮތަކީ ހައި ބްރިޑް ސިސްޓަމް ތައާރަފްކުރުން. އަޅުގަނޑުމެން ކުރިއަށް އޮތްނުގައި ހުރިހާ ގޮތަކަށް ބަލާނަން. ކޮން ގޮތެއްތޯ ރަނގަޅީ. ރައީސްގެ ވައުދާ އެއްގޮތަށް ހުރިހާ ރަށެއް ކާރބަން ނިއުޓްރަލް ކުރުމުގެ މަސައްކަތް ނިންމާލާނަން. އެއްކޮށެއް ނޫން 33 ޕަސެންޓު" ޝަމާހު ވިދާޅުވިއެވެ.

ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައިއަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެކެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި، ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ މިންވަރަށް ކަރަންޓު އުފެއްދޭވަރަށް މިހާރުވެސްވަނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޖަހާފައެވެ. އަވިން ހަކަތަ އުފައްދާ ނިޒާމުތަކުގެ އިތުރުން، ވަޔާއި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދޭތޯ ބެލުމުގެ ތަޙުލީލުތައްވެސް ރާއްޖޭގައި އަންނަނީ ކުރަމުންނެވެ.