ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޑޮކްޓަރ ޢާއިޝަތު ރަމީލާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ޑޮކްޓަރ އައިޝަތު ރަމީލާއާ ޙަވާލުކޮށްދެއްވާފައެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.
ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަޤާމުގެ މުއްދަތު ހަމަވާނަމަ، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލަން ޖެހޭނެއެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ، މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.
ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ ވަޒީރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމެވެ.