ޚަބަރު

ޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2027 ގައި


  • ކުރީގެ ޤަރާރުގައިވާގޮތުން މިމަހުން ފެށިގެން ކުދި ޕްލާސްޓިކް ފުޅި އެތެރެކުރުމާއި އުފެއްދުން މަނާވާނެ

  • މިތާރީޚު ރައީސުލްޖުމްހޫރިއްޔާ ފަސް ކުރެއްވީ 1 ޑިސެންބަރު 2027 އާ ހަމައަށް

އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެންބަންދުކޮށް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީޚު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަސްކުރައްވައިފިއެވެ. އެމަނިކުފާނު މި ބަދަލު ގެންނެވީ މިއަދު ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.

"ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިސްލާހު ގެންނެވީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ފުޅިތަކުގައި ފެން ބަންދުކޮށްގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ރާއްޖޭގެ ބާޒާރުގައި އެފަދަ ތަކެތި ވިއްކުން މަނާކުރާ ތާރީޚު ވަނީ ފަސްކުރައްވާފައެވެ.

ކުރިން އޮތްގޮތުން އެއް ލީޓަރާއި އެއަށްވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުން އަދި އުފެއްދުން މަނާވާނީ މިއަހަރުގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ރައީސް ގެންނެވި އިސްލާހާއެކު މިބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖެ އެތެރެކުރުން މަނާވާނީ 1 ޑިސެންބަރު 2027ން ފެށިގެންނެވެ.

މީގެ އިތުރުން އެބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖޭގެ ބާޒާރުގައި ވިއްކޭނެ ތާރީޚެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތް 1 މާރިޗު 2026އަށް ބަދަލު ގެންނަވައި އެފަދަ ތަކެތި ބާޒާރުގައި ވިއްކޭނެ އެންމެ ފަހުގެ ތާރީޚަކީ 1 ޖޫން 2028 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމާބެހޭ ޤަރާރުގައި ރާއްޖެއަށް އެތެރެކުރުން މަނާ 14 ބާވަތެއްގެ ޕްލާސްޓިކާއި އެތަކެތި އެތެރެކުރެވޭނެ އަދި އުފެއްދޭނެ އެންމެ ފަހުގެ ތާރީޚުތައް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރެއިން މިހާތަނަށް، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތައްޓާއި ކެއުމަށް ބޭނުންކުރާ ތަކެއްޗާއި ކާބޯތަކެތި ބަންދުކުރާ ފުޅިމަދު ފޮއްޓާއި 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި މިހާރުު ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާ އެއްގޮތަށް 1 ޑިސެންބަރު 2027ން ފެށިގެން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށްގެން ރާއްޖެއަށް އެތެރެކުރުން މަނާކުރުމުން މިހާރު ކަނޑައަޅާފައިވާ ލިސްޓުގައިވާ ޕްލާސްޓިކްގެ 14 ބާވަތްވެސް ރާއްޖެއަށް އެތެރެކުރުން މަނާވާނެއެވެ.