އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެންބަސީން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ރާއްޖެ އައިސްފައިވާ ކަމަށެވެ.
އެންބަސީން ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
H.E. Ambassador Yahya Al-Qahtani received today at Velana International Airport in the Republic of #Maldives H.E. Mrs. Sarah Al-Sayed, the Deputy Minister of #Investment for International Relations, along with her accompanying delegation from the government and private sectors of… pic.twitter.com/qdmOkcjPIj
— السفارة في المالديف 🇸🇦 (@KSAembassyMV) December 1, 2025
ދިވެހިރާއްޖެއާ ސަޢޫދީޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އިޤުތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޚާއްޞަ ފަހުމުނާމާއެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން ސަޢުދީ ސަރުކާރުން އެކުލަވާލާފައިވާ ސަޢުދީ ފަންޑް ފޮރ ޑިވަލޮޕްމެންޓްއިންވެސް ރާއްޖޭގައި ހިންގާ ބިޔަ އެކި މަޝްރޫޢުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން ދަތުރުފަތުރާއި ޞިއްޙަތާއި ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައިވެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހެދުމުގެ މަޝްރޫޢަށް 100 މިލިޔަން ޑޮލަރުގެ އެހީތެރިކަމެއްވެސް ފޯރުކޮށްދީފައިވެއެވެ.
އެކި ފަހަރުމަތިން ސަޢުދީ ޢަރަބިއްޔާގެ އެކި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.