ސްރީ ލަންކާއަށް އެހީވުމަށް މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯންގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދާނީ ދެފުށްފެންނަ ގޮތަށްކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"ސިލޯނާއެކު ދިވެހީން" ޓެލެތޯން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީން ވިދާޅުވީ ޓެލެތޯންއަށް ލިބުނު ފައިސާގެ ޖުމުލަ އަދަދު ހާމަކުރާނީ މިނިވަން އޮޑިޓު ފާމެއްކަމަށްވާ ކްރޯ މޯލްޑިވްސްއިން ކަމަށެވެ. އެގޮތުން އެކައުންޓަށް ލިބުނު ފައިސާއާއި ފަންޑު ފޮށިތަކަށް ލިބުނު ފައިސާގެ ޖުމުލަ އަދަދު ގުނުމަށްފަހު ވީ އެންމެ އަވަހަކަށް ފައިސާ ލިބުނު ޖުމުލަ އަދަދު އިޢުލާންކުރައްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މީޑިއާއިން އިސްނަގައިގެން ބޭއްވި ޓެލެތޯން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މިކަމުން ދޭހަކޮށްދެނީ އަވަށްޓެރި ސްރީ ލަންކާއާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ކަމަށެވެ. އަދި ސްރީ ލަންކާއަށް އެހީ ފޯރުކޮށްދިނުމާއި ފައިސާއާ ގުޅުންހުރި ހުރިހާ އިންތިޒާމުތަކެއް ކުރިއަށްގެންދާނީ ދެފުށްފެންނަ އުޞޫލުގެ ތެރެއިންކަމަށް ޔާމީން ވިދާޅުވިއެވެ.
"ރައްޔިތުންނަށް ޔަޤީންކަން އަރުވަން މި ކަން ކުރިއަށްގެންދާނީ ދެފުށްފެންނަ ގޮތެއްގައި އިތުބާރު ހިފޭ ގޮތެއްގެ މަތިން. އެ އުޞޫލު ހިފަހައްޓަމުން މި ކުރިއަށްގެންދަނީ." ޑީއެމްޑީ ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާތަކާއި ޕީއެސްއެމް އިސްނަގައިގެން ބޭއްވި ޓެލެތޯންއަށް 11 މިލިޔަން ދިވެހި ރުފިޔާ އަދި 43000 އަށްވުރެ ގިނަ ޑޮލަރު މިހާތަނަށް ވަނީ ލިބިފައެވެ. މިއަދު މެންދުރުފަހު 2:00 ޖެހިއިރު، ޓެލެތޯނާ ގުޅިގެން ބެހެއްޓި ފަންޑު ފޮށިތައް ބަންދުކޮށްފައިވާއިރު، ކްރޯ މޯލްޑިވްސްއިން މިހާރު ދަނީ ފޮށިތަކަށް ލިބުނު ފައިސާގެ އަދަދުތައް ގުނައި ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.