ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯނަށް ގިނަ ބަޔަކު ދަނީ ފައިސާ ހަދިޔާ ކުރަމުންނެވެ.
ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރު 14:22 ޖެހުމާއާ ހަމައަށް 11,415,915 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 10،743،125 ރުފިޔާ އަދި 43،631 ޑޮލަރެވެ.
މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ.
37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައެވެ. އާދިއްތަދުވަހުގެރޭ މެންދަމު 1:00ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްގެންދަން ކުރިން ނިންމާފައި އޮތްނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރުފަހާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.