ޚަބަރު

ލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން، ރާއްޖެއާ ދުރަށް


  • ތޫފާނުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވޭ

  • މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހުން ފެށިގެން

ތޫފާން ޑީޓުވާ ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރަށްކަމަށާއި އެތޫފާނުގެ ސަބަބުން ރާއްޖެއަށް މާބޮޑު އަސަރެއް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ޑީޓުވާ މިހާރު ހުރީ ހއ.ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކޮލޯމީޓަރު ދުރުން ސްރީލަންކާގެ އުތުރު އައްސޭރިފަށުގައިކަމަށެވެ. މިތޫފާން ދަތުރުކުރަމުންދަނީ ހުޅަނގު އުތުރުން އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިއަށްކަމަށް މެޓުން ވިދާޅުވެއެވެ.

މިތޫފާން މިހާރު ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރަށްކަމުން ތޫފާންގެ މާބޮޑު އަސަރެއް ރާއްޖެއަށް ނުކުރާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންނަމަވެސް ތޫފާނުގެ އައުޓަރ ރެއިން ބޭންޑްގެ އަސަރު ނުވަތަ އެއާއެކު އުފެދޭ ވިއްސާރަ ވިލާތަކުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މެޓު އޮފީހުން ވިދާޅުވީ މިކަމާއި ގުޅިގެން ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާކަމަށާއި، ސަމާލު ނެރެފައިވަނީ މެޓު އޮފީހުގެ އެލަރޓް ދަރަޖަކުރެވިފައިވާ ސަރަޙައްދަށް ތޫފާން ވަނުމުންކަމަށެވެ. މެޓު އޮފީހުން ވިދާޅުވީ އަންނަ ހަފްތާގެ އަންގާރައިން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް ލަފާކުރެވޭނެކަމަށެވެ.

މިމަހުގެ މެދުތެރޭގައި ރާއްޖެ ސަރަޙައްދުގައި ބާރުގަދަވަމުންދިޔަ 2 ތޫފާނެއްގެ ސަބަބުން ރާއްޖެއަށް މޫސުން ގޯސްވެ ގުގުރުމާއެކު އެކި ހިސާބުތަކަށްވަނީ ބޯކޮށްވާރޭވެހިފައެވެ. އެހެންނަމަވެސް މީގެތެރެއިން މެލޭޝިއާ ސަރަޙައްދުގައި އުފެދުނު ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާއިރު ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން މިހާރުވަނީ ރާއްޖެއާއި ދުރަށް ދަތުރުކުރަން ފަށާފައެވެ.