ޚަބަރު

"ނުގަވާއިދުން ވިޔަފާރިކުރުމުގެ ޖާގަ ބިދޭސީންނަށް ނުދީ، އެކަން ހުއްޓުވަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ"


  • ވަޒީރު ވިދާޅުވީ އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކުރާނެކަމަށް

  • މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަން ވަޒީރު ފާހަގަކުރެއްވި

ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެން މަސައްކަތްކުރަންޖެހޭކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒިރު މިފަދައިން ވިދާޅުވީ ވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވާ، މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއްކަމަށެވެ.

ވަޒީރު ވިދާޅުވީ 1979 ވަނަ އަހަރު ހަދާފައި އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނު، 46 އަހަރަށްފަހު ނިމުމަކަށްގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ޤާނޫނެއް މުޅީން އަލަށް އެކުލަވާލުމަކީ ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއްކަމަށެވެ. އަދި އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ތަންފީޒީ އިދާރާތަކާއި، ވަކީން ޚާއްސަކޮށް ދާޚިލީ ވުޒާރާއާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށެވެ. އަދި ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުޞަތު ނުދިނުމަށާއި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެންކަންވެސް ވަޒީރު ފާހަގަކުރެއްވުއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން، ރައްޔިތުންގެ މި ކަންބޮޑުވުމަށް ޙައްލު ގެނަސްދީ، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެކަމަށެވެ.

ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 34 ދައިރާއެއް ހިމަނާ މިހާރުވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ޤަވައިދާ ޚިލާފަށް ކުރާ ވިޔަފާރީއާ ގުޅިގެން ލިބޭ މަޢުލޫމާތުތައް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.