ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށާއި މާލެ ސަރަހައްދުގެ އެއްގަމު އުޅަނދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.
އެއްގަމު އުޅަނދުފަހަރާ ޤާނޫނަކަށް މިހާރުވެސް އަމަލުކުރެއެވެ. ނަމަވެސް ސަރުކާރުން ހުށަހަޅުއްވާފައިވަނީ މުޅިން އައު ޤާނޫނެއް ހެދުމަށް ބޭނުންވާ ބިލެވެ. އެގޮތުން "އެއްގަމު ދަތުރުފަތުރުގެ ބިލު"ގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި އުޅަނދު ދުއްވުމާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ވަނީ ހިމަނާފައެވެ.
މި ބިލުގައިވާގޮތުން އެއްގަމު ދަތުރުފަތުރުގެ ޤައުމީ ސްޓްރެޓެޖީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަން ވާނެއެވެ. އަދި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވައިލާނެއެވެ.
ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ އިތުރުން ބައިނަލްއަގުވާމީ ޑްރައިވިން ޕާމިޓެއް ދޫކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ. އަދި މަގުމަތީ ޓްރެފިކާބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ސައްޙަ ލައިސަންސަކާއެކު ރާއްޖޭގައި އުޅަނދު ދުއްވޭނެ ކަމަށާއި ލައިސަންސް ހިފެހެއްޓޭނެ ހާލަތުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު އަމަލުކުރާނެ ގޮތްތަކާއި ޓްރެފިކް ފުލުހުންގެ ޒިންމާތައްވެސް ތަފްސީލުކޮށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައި އެންމެބޮޑަށް ފާހަގަކޮށްފައިވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެގޮތުން ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަގޮތަކަށް ދުއްވައިގެން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ އެކްސިޑެންޓެއްގައި މީހަކަށް އަނިޔާއެއް ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް، އެއްވެސް އަނިޔާއެއް ވެއްޖެނަމަ 5 އަހަރާ 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ޖަލު ހުކުމާއެކު ލައިސަންސް ބާތިލުވާނެ ކަމަށާއި ލައިސަންސް އަލުން ދޫކުރެވޭނީ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު ވުޒާރާއިން އެކަމަށް ޚާއްސަކޮށްގެން ހިންގާ ޕްރޮގްރާމް ފުރިހަމަކުރުމުންނެވެ.
މި ބިލުގައި އެއްގަމު އުޅަނދު ދުއްވުމާ ގުޅުންހުރި އިތުރު ކުށްތައްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކަށް އުޅަނދު ދުއްވަން ދިނުމާއި ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހުންގާނުގެ ކޮންޓްރޯލް ހަވާލުކުރުމާއި ވިއްކާފައިވާ އުޅަނދުގެ ވެރިފަރާތް ބަދަލުނުކޮށް ދުއްވުމާއި ރަޖިސްޓްރީ ބާތިލުކޮށްފައިވާ އުޅަނދެއް ބޭނުންކުރުމާއި އަހަރީ ފީ ނުދައްކައި އުޅަނދު ދުއްވުމާއި ރޯޑުވަރދިނަސްގެ ޝަރުތުތައް ފުރިހަމަނުކޮށް ދުއްވުންފަދަ ކުށްތައް ވަނީ ހިމަނާފައެވެ.
ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކަށް އުޅަނދު ދީގެން ހިނގާ އެކްސިޑެންޓުތަކުގައި ޖަލު ހުކުމެއް އަންނާނެކަމަށް ބިލުގައި ހިމަނާފައިވާއިރު އެހެން ކުށްތަކަށް އެކި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ.
މި ބިލުގައިވާގޮތުން ޤާނޫނަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދައި، އާންމުކުރަންޖެހޭނެއެވެ. މި ބިލު މަޖިލީހުން ބަލައިގެންފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.