ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތެއް ދޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭގޮތަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖަނަމަ އެ ދައުރެއްގައި އަދި ދައުލަތުގެ އެ ނޫންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ އެ މަގާމެއްގެ މުއްދަތުގައި ޤާނޫނުން އެ ބޭފުޅަކަށް ދޭ އިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިހާރު ޤާނޫނު އޮތްގޮތުން އިނާޔަތް މެދުކަނޑާލަން ޖެހޭނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނުއްވާފައެވެ. އަދި މި ދެ ބަދަލާއެކު ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް ވަނީ ހުށަހަޅުއްވާފައެވެ.
އެ އެސްޓިމޭޓްގައިވާގޮތުން ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކޮށްފިނަމަ އަންނަ އަހަރު 10،500،000 ރުފިޔާ ޚަރަދު ކުޑަވާނެއެވެ. މީގެ ސަބަބުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ނައިބުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.