ޚަބަރު

ކުރިއަށްއޮތް 5 ދުވަހުވެސް މޫސުން ގޯސް، އަލިވާނީ ހޯމައިން ފެށިގެން


  • ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ

  • މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެ

ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަޙީދު ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ހުސައިން ވަޙީދު ވިދާޅުވީ، ވައި އެންމެ ގަދަވާނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ. އެގޮތުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 13 މޭލާއި، 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. އަދި އުތުރާއި ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

"ވިއްސާރަކުރަން މި ފެށީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއެކު ސްރީލަންކާ ކައިރިން މިވަނީ ކޮޅިގަނޑެއް އުފެދިފަ. މި ކޮޅިގަނޑާ ގުޅިގެން ގިނަ އަދަދެއްގެ ބޯ ވިއްސާަރަވިލާ އުފެދި ވިއްސާރަކުރަމުން މިދަނީ. އެހެން ސަރަހައްދުތަކަށް ވުރެ މެދުރާއްޖެތެރެއަށް މޫސުން ގޯސް. މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުކޮށް ގަދަވާނެ. އުތުރާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ." މޫސާ ވަހީދު ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާން ފަށާނީ ޑިސެމްބަރު 1އިން ފެށިގެންކަމަށެވެ. ނަމަވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މިމަހުގެ 29 އިން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ.