ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ދާރުއްސަލާމް" ވަޤްފު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ، ރައީީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދާރުއްސަލާމް ވަޤުފް އިމާރާތަކީ، ސަރުކާރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުއާރުސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި އިމާރާތް އަޅަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ)ގައި އޮންނަ ބިމުގައެވެ.
ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ ބޭސްމަންޓުގައި ޕާކިންގ ސަރަޙައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކޮށްފައި ހުންނާނެއެވެ.
މީގެއިތުރުން އިމާރާތުގެ 2 އަދި 11ވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް ހުންނާނެއެއެވެ. އަދި މި ޢިމާރާތުގައި ޑޭ ކެއަރ ސެންޓަރެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ދާރުއްސަލާމް ވަޤުފް އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ. މިޢިމާރާތުގެ ރޫފް ޓޮޕަކީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ޤާއިމްކުރާ ބައެކެވެ.
24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ 244 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރްސީސީއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 52 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެެވެ.
މި މަޝްރޫޢުއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ. ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލް އަރްޤަމް ވަޤްފު އިމާރާތުގެ މަސައްކަތް މިހާރު ވަނީ ޢަމަލީ ގޮތުން ފަށާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީއާއި، ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއެކު މި މަޝްރޫޢުތައްވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައެވެ. މި މަޝްރޫޢުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.