ނުވަވަނަ އޭބީޔޫ މީޑިއާ ސަމިޓް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އިއްޔެ ފަށައިފިއެވެ.
މިސަމިޓަކީ، ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ހިނގާފާނެ ޙާދިސާތަކާއި، ކާރިސާތައް މަދުކުރުމަށް ތިމާވެއްޓަށް ކުޑަވާނެ ގޮތަށް ކަންތައްތައް ކުރުމަށް މީޑިޔާއިން ރައްޔިތުން ހޭލުންތެރި ކުރުވުން އިތުރު ކުރުމަށް ބާރުއަޅައި ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުމުގައި ކުރިޔަށްގެންދާ ސަމިޓެކެވެ.
މިމަހުގެ 25 އިން 27 އަށް ކުރިއަށްދާ މިސަމިޓުގައި 30 ޤައުމަކުންނާއި، ބައިނަލްޢަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭ ގޮތުން 80 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. އޭގެތެރޭގައި ރާއްޖެވެސް ހިމެނެއެވެ.
މިސަމިޓުގައި ޤައުމުތައް ގުޅިގެން ރައްޔިތުންނަށް މަގު ދައްކައި ދިނުމާއި، ހޭލުންތެރިކަން އިތުރު ކުރުމާއި، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ތިމާވެށި ޙިމާޔަތް ކުރުމުގެ ވިސްނުމުގައި ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށް ބާރު އަޅާނެއެވެ. އަދި މީޑިއާގެ މިމަސައްކަތްތަކަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އިތުރު އެއްބާރުލުން ހޯދުމަށްވެސް މިސަމިޓުގެ ތެރެއިން މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ.
މިސަމިޓުގައި ޕީއެސްއެމްގެ ފަރާތުން ބޯޑު އޮފް ޑައިރެކްޓަރެއް ހިމެނި ވަޑައިގަންނަވާ ގޮތަށް 3 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. ޕަބްލިކް ސަރވިސް މީޑިއާއަކީ، އޭބީޔުގެ ފުރިހަމަ މެންބަރެކެވެ.
މިސަމިޓް ބާއްވާ އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންއަކީ، ސަރަހައްދުގެ މީޑިއާތައް ކުރިއެރުވުމާއި، ރައްޔިތުންގެ މަންފާއަށް މީޑިއާއިން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، މީޑިއާތައް ގުޅިގެން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުގެ ކަންކަން ވިލަރެސް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމްޢިއްޔާއެކެވެ.