މަސްތުވާތަކެތި އުފައްދައި އެކި ޤައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުން ފަދަ ކުށްތަކާއި ދެކޮޅަށް ޤައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މެމްބަރު ގައުމުތަކުގެ މެދުގައި ވަގުތުން މައުލޫމާތުތައް ޙިއްސާ ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ގޮވާލައްވައިފިއެވެ.
ސީޕީ ނަވީން މިގޮތަށް ގޮވާލެއްވީ، އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ.
މި ބައްދަލުކުރެއްވުންތަކުގައި، މަސްތުވާތަކެތި އުފައްދައި އެކި ޤައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުމާއި، ގާނޫނާ ޚިލާފަށް ކުރާ ދުންފަތުގެ ވިޔަފާރިއަކީ ރާއްޖެއަށާއި ސަރަހައްދީ ޤައުމުތަކަށާއި އަދި އެހެން ޤައުމުތަކަށްވެސް އޮތް ބޮޑު ނުރައްކަލެއްކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކުށްތަކާއި ދެކޮޅަށް ޤައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މެމްބަރު ޤައުމުތަކުގެ މެދުގައި ވަގުތުން މައުލޫމާތުތައް ޙިއްސާ ކުރުމާއި ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ސީޕީ ނަވީން ވަނީ، ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކަށް ފައިސާ ފޯރުކޮށްދީ، އެކަންކަން ރާވާ ހިންގާ ބޭރުގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ކުށުގެ ޖަރީމާތައް ހިންގާ ނެޓްވޯކްތައް ދެނެގަނެ، އެނެޓްވޯކްތަކުގެ ހަރަކާތްތައް ހުއްޓުވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ޓްރާންސް ނޭޝަނަލް ކުށްތަކާއި، ރޭވިގެން ހިންގާ ކުށްތަކާއި، ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާއި، އިންޓެލިޖެންސް މައުލޫމާތުތައް ވަގުތުން ހިއްސާ ކުރުމާއި، މިފަދަ ކުށްތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ސީޕީ ނަވީން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ޤާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ފުލުހުންގެ މުވައްސަސާ ދެމިއޮންނާނެ ކަމަށެވެ.
މި މަހުގެ 24 އިން 27 އަށް މޮރޮކޯގައި ކުރިއަށްދާ އިންޓަޕޯލް 93 އާންމު މަޖިލީހުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.