ރާއްޖެއަށް މުދަލެއް އަންނަ ހިސާބުން ފެށިގެން މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށް ދިރާސާއެއް ކުރަން ފަށައިފިއެވެ.
"ޓައިމް-ރިލީސް ސްޓަޑީ"ގެ ނަމުގައި ހިންގާ މި ދިރާސާއަކީ، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ޖަމްއިއްޔާގެ ކަމާއި ބެހޭ މާހިރުންނާ ގުޅިގެން ހިންގާ ދިރާސާއެކެެވެ.
މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ހިމެނެއެވެ.
މިގޮތުން އެއްކުރާ މައުލޫމާތުތަކުގެ ތެރޭގައި، މުދަލެއް ރާއްޖެއަށް އަންނަ ހިސާބުން އެ މުދާ ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި، މުދަލުގެ ލިޔެކިއުން ހުށަހެޅުމަށް ހޭދަވާ ވަގުތު ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން މުދަލުގެ ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތާއި، މުދަލާއި ބެހޭގޮތުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި، ކަސްޓަމްސްއިން ބަލައި ފާސް ކުރުމަށް ހޭދަވާ ވަގުތާއި، ބަނދަރުން މުދާ ދޫކުރުމަށް ހޭދަވާ ވަގުތުތައްވެސް ދެނެގަނެވޭނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިފަދަ ދިރާސާއެއްގެ ބޭނުމަކީ، ރާއްޖެއަށް މުދަލެއް ގެންނައިރު، އެ މުދާ ކްލިއަރކޮށް ދޫކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެން ދިއުމާއި، ކަސްޓަމްސްއާއި ބަނދަރުތައް އަދި އިމްޕޯޓް އެކްސްޕޯޓް މުދަލާއި ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާ ކުރުމަށް ހުރި ކަންކަން ދެނެގަނެ އެކަން ކަމަށް މަސައްކަތް ކުރުމަށް ފުރުޞަތު ލިބުމެވެ.
މިއީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރިއަށް ގެންދާ މިފަދަ ދެވަނަ ދިރާސާއެވެ. އެންމެ ފުރަތަމަ ޓައިމް ރިލީޒް ސްޓަޑީއެއް ހަދާފައިވަނީ، 2021 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވާ މިންވަރާއި، އެކަންކަމަށް ގެނެސްފައިވާ ކުރިއެރުންތައް މި ސްޓަޑީއިން ފެނިގެންދާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މީގެއިތުރުން މުދާ ކްލިއަރ ކުރުމުގެ ޕްރޮސެސްތަކަށް ގެނެސްފައިވާ ތަރައްޤީއާއި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަންވެސް މި ދިރާސާގެ ސަބަބުން ދެނެގަނެވިގެންދާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މި ދިރާސާއަށް އެއްކުރާ މަޢުލޫމާތުގެ އަލީގައި، ހޯދޭ ހޯދުންތަކުގެ ރިޕޯޓް ޝާއިޢު ކުރުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ދިރާސާގެ ސަބަބުން ސިޔާސަތުތައް ކަނޑައެޅުމަށާއި، އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތް ކުރުން ހަރުދަނާ ކުރެވޭނެ ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި ކަސްޓަމްސްގެ އިޖުރާޢަތުތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް އިތުބާރު ހުރި ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށްދިނުމަށް މަގުފަހިކުރެވިގެންދާނެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.