ހުޅަނގު މޫސުމުގެ ބާރުގަދަވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.
މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެކަމާއި، އަދި ޚާއްޞަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކުރައްވާފައެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުންވަނީ އެދިފައެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރެއްވުމަށާއި، ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި ބައެއް ރަށްރަށަށް ބޯކޮށް ވާރެވެހޭނެ ކަމަށާއި، ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ، ހއ. އަތޮޅުން ފެށިގެން ދ.އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ، މިރޭ 8:00 ޖެހުމާ ހަމައަށެވެ.
މެޓުން ވިދާޅުވީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކުންވެސް އަދި ޚާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު އަދާ ހަމަކުރުމާއެކު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވެސްވަނީ އިލްތިމާސް ކުރައްވާފައެވެ.