ޚަބަރު

މާޒިޔާ މެޗު ފަސޭހައެއް ނޫން، ފުރަތަމަ ދެގޯލަކީ ހެދުނު ގޯހެއް :ޖޯޖްލީ ގެރީ


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ދެކޮޅަށް އެންމެފަހުން ވިކްޓްރީ ސްޕޯޓްސް ކުލަބު ކުޅުނު މެޗުގައި ބައިކޮޅަށް ވަތް ފުރަތަމަ ދެ ގޯލަކީ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން މާޒިޔާއަށް ކާމިޔާބުކުރެވުނު ދެ ގޯލު ކަމަށް ވިކްޓްރީގެ ހެޑް ކޯޗު ސްލޮވާކިއާގެ ޖޯޖްލީ ގެރީ ބުނެފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއަތުން 0-3 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޖޯޖްލީ ބުނީ އެއީ ފަސޭހަ މެޗެއް ނޫންކަމަށެވެ. ސަބަބަކީ މާޒިޔާ އާއި ވިކްޓަރީއަކީ ފެންވަރުގެ ގޮތުން ބަލާއިރު އެއްވަރުގެ ދެ ޓީމުން ނޫން ކަމަށެވެ.

"ސޭމް ލެވެލްގެ ދެ ޓީމެއް ނޫން މާޒިޔާ އާއި ވިކްޓްރީއަކީ. އެކަމަކު މަސައްކަތް ކުރި ރަނގަޅު ކުޅުމެއް ދެއްކޭތޯ. ފުރަތަމަ ހާފުގައި ފުރުސަތުތައްވެސް ލިބުނު. އެކަމަކު މާޒިޔާއިން ފުރުސަތު ނުދީ ކުރިއަށް ޖެހިލީ. ފުރަތަމަ ދެ ގޯލަކީ ވިކްޓްރީއަށް ވަކި ވަކި ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން މާޒިޔާއަށް ކާމިޔާބުކުރެވުނު ދެ ގޯލު" ޖޯޖްލީ ބުންޏެވެ.

އެ ދެ ގޯލުވަނީ ރަނގަޅަށް ޑިފެންސް ނުކުރެވި ޑިފެންސް ލައިނުން ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި، އެހެންނަމަވެސް ހުރިހާ ކުޅުންތެރިންވެސް 100 ޕަސެންޓް ދިންކަމަށް ޖޯޖްލީ ފާހަގަކުރިއެވެ.

"އެ ދެ މިސްޓޭކް ނެހެދުނުނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުނީސް. އަދި މިކަން ކުރިޔަށްހުރި މެޗުތަކުގައި ރަނގަޅުކުރަން ޖެހޭނެ" ކަމަށް ވިކްޓްރީގެ ކޯޗު ބުންޏެވެ.

ޖޯޖްލީ ބުނީ އޭނާ އާއި ހަވާލުވެފައި އޮތް ޒިންމާއަކީ ކުޅުންތެރިންގެ ދަނޑުމަތީގެ ވިސްނުން ބަދަލުކުރުން ކަމަށާއި މިހާރަށްވުރެ ޑިސިޕްލިން ކުރުން ކަމަށެވެ. އެކަމަކީ ހަފްތާއަކުން ނުވަތަ މަސްދުވަހުން ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ބަދަލުކުރުމަށް ޓްރޭނިންއާއި ޓްރޭނިންގެ ބޭރުންވެސް މަސައްކަތްކުރަމުންދާ ކަމަށްވެސް ޖޯޖްލީ ބުންޏެވެ.

މާޒިޔާއަކީ ފެންވަރު މަތި ޓީމެއް ކަމަށާއި، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންވެސް ތިބި ޓީމެއް ކަމުން އެޓީމާއި ދެކޮޅަށް ކުޅެން ފަސޭހަ ނުވިޔަސް ކޮންމެ ޓީމަކީވެސް ބަލި ކުރެވިދާނެ ޓީމެއްކަމަށް ދެކޭކަމަށްވެސް އޭނާ ބުންޏެވެ. ޓެކްޓިކަލް ޑިސިޕްލިން އާއި ކަންކަން ހުރިހާ ކުޅުންތެރިންވެސް ރަނގަޅު ކޮށްފިނަމަ ރަނގަޅު ނަތީޖާއަކާއި ހަމައަށް ދެވިދާނެ ކަމަށް ޖޯލްލި ބުންޏެވެ.