ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ މި ފައިނޭންސިންގ ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދެވޭނެ ކަމަށެވެ. އެއްވެސް ރަހުނަކާ ނުލައި 1،000،000 އާއި ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިންގ ފޯރުކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ %9 އާއި %10.5 އާ ދެމެދުގައެވެ. ލުއިފަސޭހަކޮށް ދޫކުރެވޭ މި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރުކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
މި ފައިނޭންސިންގއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މި ފައިނޭންސިންގގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެހީތެރިވެދިނުމާއި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުންކަމަށެވެ.
"ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ، އެފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއް.މި ފައިނޭންސިންގއާ އެކު، މިހާރު ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދެވި، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އައު އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި، އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ" ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.
މި ފައިނޭންސިންގަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.