ޚަބަރު

އެލްޗީ އިން ރެއާލް މެޑްރިޑް ހިފަހައްޓައިފި


ސްޕެނިޝް ލަލީގާގައި ރޭ އެލްޗީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިނުފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި އެލްޗީގެ އެލެކްސް ފެބާސް ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑް ސިއްސުވާލާފައެވެ.

އެލްޗީއިން ލަނޑު ޖަހައިފައިވަނިކޮށް މެޗުގެ 78 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޑީން ހުއިސެން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގައި އެލްޗީއިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލްވާރޯ ރޮޑްރިގޭޒްއެވެ.

ނަމަވެސް މެޗުގެ 87 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ދިން ޕާހަކުން ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށް ރެއާލް މެޑްރިޑަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ލީގުގައި މިޙާތަނަށް ކުޅެފައިވާ 13 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ވަނީ ތާވަލުގެ އެއްވަނަ މަގާމް އަލުން ލިބިފައެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.