އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
ނޯތު ލަންޑަނުގެ ވާދަވެރި ދެ ކްލަބުގެ ބައްދަލުވުމުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ޖުމްލަ 29 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ދެވަނައިގައި އޮތް ޗެލްސީ އަށް 23 ޕޮއިންޓް ލިބިފައިވާއިރު ޓޮޓްނަމް ހޮޓްސްޕަރ އޮތީ 9 ވަނައިގައި ޖުމްލަ 18 ޕޮއިންޓާއެކުގައެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 36 ވަނަ މިނިޓުގައި މިކޭލް މެރީނޯ ދިން ޕާހަކުން ލިއަންދްރޯ ޓްރޮސާޑް ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފައެވެ.
އަދި އޭގެ ފަސް މިނިޓު ފަހުން އެބެރޭޗީ އެޒޭ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއްވެސް ނުވަނީސް އެޒޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ޓޮޓްނަމް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 55 ވަނަ މިނިޓުގައި ރިޗަލިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ 76 ވަނަ މިނިޓުގައި އެޒޭ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހެދުމަށްފަހު މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށް އާސެނަލް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ ސީނިއަރ ޓީމުގައި އެޒޭ ހެދި ފުރަތަމަ ހެޓްރިކެވެ.
އާސެނަލް އަށް އެންމެ ފަހުން ޕްރިމިއާ ލީގު ކާމިޔާބު ކުރެވިފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި ފާއިތުވެދިޔަ ތިން ސީޒަނުގައިވެސް އެ ޓީމުން ލީގު ނިންމާފައިވަނީ ދެވަނައިގައި އޮވެގެންނެވެ.