ޚަބަރު

އާމިން، އައްޔަ، ކައިފް އަދި އަޝްރަފާއެކު ޤައުމީ ބޮޑީބޯޑިންގ ޓީމު އިއުލާންކޮށްފި


  • ސީނިއަރ ޤައުމީ ޓީމަށް އެތުލީޓުން ކަނޑައެޅީ ރޭންކިންއަށް ބަލައިގެން

  • ޤައުމީ ސްކޮޑް އިޢުލާނުކޮށްފައިވަނީ ރާޅުގަނޑުގައި ބޭއްވި ޤައުމީ ލީގުގެ ފަހު މުބާރާތަށް ފަހު

ކުޅިވަރާއި ހަށިހެޔޮކަމާއި ވުޒާރާގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ ގައުމީ ބޮޑީބޯޑިން ލީގު ނިންމާލުމަށްފަހު ‎2026 ވަނަ އަހަރަށް އެކުލަވާލާފައިވާ ސީނިއާ ޤައުމީ ބޯޑީބޯޑިން ޓީމުގެ ސްކޮޑް އިޢުލާނުކޮށްފިއެވެ.

‎ސީނިއަރ ޤައުމީ ޓީމަށް ހޮވުނު އެތުލީޓުންނަކީ މާލެ ސިޓީގެ އާމިން އުމަރު މޫސާ، ޢަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ)، މުޙައްމަދު ކައިފްގެ އިތުރުން ފުވައްމުލައް ސިޓީގެ އަޝްރަފް ޙަސަންއެވެ.

‎މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ސީނިއަރ ޤައުމީ ޓީމު އެކުލަވައިލީ، ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިން ހިމަނައިގެންނެވެ. ޤައުމީ ސްކޮޑް އިޢުލާނުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ވަރުނުލާ ރާޅުގަނޑުގައި ބޭއްވި ޤައުމީ ލީގުގެ ފަހު މުބާރާތް، ނޭޝަނަލް ބަނޑުފިލާ ޗެލެންޖް 2025 ނިންމުމުގެ ރަސްމިއްޔާތުގައެވެ.

‎ޤައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އެތުލީޓުންގެ ތެރެއިން އާމިން އަކީ 2022 ވަނަ އަހަރު ބޭއްވި އައިބީސީގެ މޯލްޑިވްސް ޕްރޯގައި ވާދަކޮށް ޖޫނިއަރ މެންސް ވޯލްޑް ރޭންކިންގެ 10 ވަނައިގައިވާ އެތުލީޓެވެ. އާމިން ވަނީ 2022، އަދި 2023 ވަނަ އަހަރު ޖޫނިއަރ ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

ޢަލީ ޚުޝްރުވާނަކީ ޑްރޮޕްނީ މެންސް ވޯލްޑް ރޭންކިންގެ 12 ވަނައިގައިވާ އެތުލީޓެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ ލީގު ޗެމްޕިއަނެވެ. މީގެ އިތުރުން އަޝްރަފަކީ 2023 ވަނަ އަހަރު ބުރުނުޝިކާރު ޗެލެންޖާއި، 2025 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލްގައި އަލީ ޙުޝްރުވާން ބަލިކޮށް ޗެމްޕިއަންކަން ހޯދި އެތުލީޓެވެ.

ފާއިތުވި 12 އަހަރުގެ ތެރޭގައި އަޝްރަފް ނޫން އެހެން އެތުލީޓަކަށް ރާއްޖޭގެ ކުރީގެ ޗެމްޕިއަން އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ފައިނަލެއްގައި ބަލިކުރެވިފައެއް ނުވެއެވެ. އައްޔަ ދަމަހައްޓަމުން އައި ރިކޯޑު މުގުރާލެވުނު ހަމައެކަނި އެތުލީޓަކީ މިހާތަނަށް އަޝްރަފެވެ.

ސީނިއަރ ޤައުމީ ޓީމުން ޖާގަހޯދި އަޝްރަފަކީ ނިމިގެންދިޔަ ނޭޝަނަލް ބަނޑުފިލާ ޗެލެންޖް 2025ގެ މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަނެވެ. އާމިން އަކީ މިއަހަރުގެ 3 މުބާރާތުން ހޯދި ސްކޯއާއި އެކު މެންސް އޯފަން ކެޓަގަރީގެ ލީގު ޗެމްޕިއަނެވެ. މިއީ އޭނާ ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ކައިފަކީ އަރަމުން އަންނަ ހުނަރުވެރި ޖޫނިއަރ އެތުލީޓެކެވެ.