ޚަބަރު

ޚާރިޖީ ވަޒީރު އީޔޫ ފޯރަމުގައި ބައިވެރިވުމަށް ބެލްޖިއަމް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • ފޯރަމް ބާއްވާފައިވަނީ މިމަހުގެ 20 އިން 21 އަށް

  • އީޔޫ އިންޑޯ-ޕެސިފިކް ވަޒީރުންގެ ފޯރަމުގެ ހަވާސާގައި ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އީޔޫ އިންޑޯ-ޕެސިފިކް ވަޒީރުންގެ ފޯރަމުގައި ބައިވެރިވުމަށް ބެލްޖިއަމްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ މިހިނގާ ނޮވެމްބަރ މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ކުރިއަށް ދިޔަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް ވަޒީރުންގެ ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެވުނު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެކުވެރި ބައެއް ޤައުމުތަމުގެ އިސްވެރިންނާއެކު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރޭގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ މި ފޯރަމްގެ ޙަވާސާގެ ތެރެއިން ކުރިއަށްދިޔަ އެކި ހައި-ލެވަލް އިވެންޓްތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައެވެ. މީގެއިތުރުން ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި، ދިވެހި ސަރުކާރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަށް އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހުގައި ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، ސެކްރެޓަރީ މަލްޓިލެޓަރަލް އަޙްމަދު ޝިއާން ބައިވެރިވެވަޑައިގެންނެވިއެވެ.