ޚަބަރު

އަމީނިއްޔާ ސްކޫލުގެ ނަމުގައި ސްކޭމެއް ދައުރުވަނީ


  • އެސްކޫލުގެ ނަމުގައި ދައުރުވަނީ، ޕޯސްޓަށް ފައިސާ ދެއްކުމަށް ލިންކެއް

  • އެކި އިދާރާތަކުގެ ނަމުގައި ފޮނުވާ ސްކޭމް ލިންކުތަކަށް ސަމާލުވާންޖެހޭ

އަމީނިއްޔާ ސްކޫލުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ފޭރުމުގެ ސްކޭމެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެސްކޫލުން ބެލެނިވެރިންނަށް ޢިލްތިމާސްކޮށްފިއެވެ.

އަމީނިއްޔާ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެސްކޫލުގެ ނަމުގައި ދައުރުވަމުންދާ މެސެޖުގައި "މޯލްޑިވްސް ޕޯސްޓަށް ފައިސާ ދެއްކުމަށް ލިންކެއް" އަންނަ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި ސްކޫލުން ލިންކެއް ނުފޮނުވާނެ ކަމަށް އަމީނިއްޔާ ސްކޫލުން ވިދާޅުވެއެވެ.

އެކި ނަންނަމުގައި ފޯނަށް ލިންކުތައް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތަށް ގޮތްނޭނގޭ ފަރާތްތަކުން މެސެޖު ފޮނުވަމުން ދަނީ، އެކި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަމުގައެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ސަމާލުވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ޢިލްތިމާސްކުރައްވައެވެ.

ލިންކުތަކަށް ފިތާލުމުން ޢާންމުންގެ ބޭންކު އަދި އެނޫންވެސް ފޯނުގެ ޕާސްވޯޑުތައް ޖެހުމަށް އެދި އަންނައިރު މިއީ ފޯނު ހެކްކުރުމާއި، ބޭންކުގެ ޕިންތައް ނެގުމުގެ އުކުޅުތަކެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުވަނުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރައްވަމުންނެވެ.