ޚަބަރު

މަގޭ ސާފު ރާއްޖެ ޤައުމީ ކޮންފަރެންސް، ލ. ގަމުގައި ބާއްވަން ތައްޔާރުވެއްޖެ


  • ކޮންފަރެންސް އޮންނާނީ މިމަހުގެ 24 އިން 26 އަށް

  • ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މަޝްވަރާކުރާނެ

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި މާހައުލެއް ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ކޮންފަރެންސް އޮންނާނީ މިމަހުގެ 24 އިން 26 އަށެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މި ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުން ކަމަށެވެ. ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނެއެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ލ. ގަމުގައި ބާއްވާ މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަޝްވަރާކުރާނެއެވެ. މި ކޮންފަރެންސްއަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.