ޚަބަރު

ކޮންމެ ކުއްޖަކަށްވެސް ރައްކާތެރި އަބުރުވެރި މާދަމައެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރާނަން: ރައީސް


  • - ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ދަރިންނަކީ ޤައުމުގެ މާދަމާކަމަށް

  • - އެކުދިންނަށް ކުރިއަރައިދިޔުމުގެ ފުރުސަތު ފަހިވާންޖެހޭކަމަށް ވިދާޅުވި

ކޮންމެ ކުއްޖަކަށްވެސް ރައްކާތެރި، އަބުރުވެރި އަދި ފުރުސަތުތައް ފަހިވެފައިވާ މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށް އެކުގައި މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ކޮންމެ ކުއްޖަކަށް ރައްކާތެރި އަދި އަބުރުވެރިކަމާއި ފުރުސަތުތައް ފަހިވެފައިވާ މާދަމާއެއް ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަކީ ޤައުމުގެ ހިތްކަމަށާއި އެއީ އުއްމީދުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއީ ރާއްޖޭގެ ފާގަތި މުސްތަޤުބަލުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން އެކުދިންގެ ހެދިބޮޑުވުމާއި ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.


ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މިދުވަސް އދ.އިން ފާހަގަކުރަމުންދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަނގުރާމައިގެ ޙާލުގައި އަދި ހަނުޖެހުންތަކުގައި ދިރިއުޅެމުންދާ ކުދިންނާއި ކުޑަކުއްޖަކަށް ލިބިދޭންޖެހޭ ޙައްގުތަކުން މަޙުރޫމްވެފައިވާ ކުދިންގެ ޙައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީގޮތުން އަޑުއުފުލާ ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައެވެ.