ޚަބަރު

މިމަހުގެ 23އިން ފެށިގެން ބިދޭސީންގެ ސައްހަ ވީޒާކަމުގައި ބަލާނީ އަލަށް ދޫކުރާ އީ-ވީޒާ


  • މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، އެ ވީޒާއަކީ "ވެލިޑް" ވީޒާއެއް ކަމުގައި ނުބެލެވޭނެ

  • އީ-ވީޒާ އަށް ބަދަލުވާއިރު އެ ބިދޭސީއެއްގެ އީ-ވީޒާގެ ވެލިޑިޓީ ބިނާވާނީ ވާރކް ޕާރމިޓްގެ ވެލިޑިޓީއަށް

ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ "ވެލިޑް" ވާރކް ވީޒާ ކަމުގައި މިމަހުގެ23 ވަނަ ދުވަހުން ފެށިގެން ބަލާނީ އެ ބިދޭސީއަކަށް ދޫކުރެވޭ އީ-ވީޒާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުންވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އީ-ވީޒާގެ ޚިދުމަތް ފެށުމާއެކު، އަންނާނެ ބަދަލުތައް އާއްމުކުރައްވާފައެވެ.

ރާއްޖޭގައި އީ-ވީޒާގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މިސަރަަހައްދުގައި އީ ވީޒާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ. އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވީޒާގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވީޒާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް އަންނާނެ ކަމަަށެވެ.

ވޯކް ވީޒާގެ ޚިދުމަތަށް އަންނާނެ ބަދަލުތައް

ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ ޕާސްޕޯޓު އެ އިދާރާގެ ކައުންޓަރަށް ހުށަހަޅައިގެން ވީޒާ ޖެހުމުގެ ބަދަލުގައި، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދޫކުރެވޭނީ އީ-ވީޒާއެކެވެ.

އަދި މިމަހުގެ 23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، މިދުވަހުން ފެށިގެން އެ ބިދޭސީންގެ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާ އަށް ބަދަލުވާނެއެވެ. އަދި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، އެ ވީޒާއަކީ "ވެލިޑް" ވީޒާއެއް ކަމުގައި ނުބެލެވޭނެއެވެ. އަދި އެ ބިދޭސީއެއްގެ އީ-ވީޒާގެ ވެލިޑިޓީ ބިނާވާނީ އެ ބިދޭސީއެއްގެ ވާރކް ޕާރމިޓްގެ ވެލިޑިޓީއަށްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތްނަ ބިދޭސީންނަށެވެ. އަދި ވާރކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީވެސް މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތްނަ ބިދޭސީންނަށްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭނީ އެ ބިދޭސީއަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއެއް ނަމައެވެ. އަދި "އެންޓްރީ ޕާސް" ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.

އަދި މިމުއްދަތުގެ ތެރޭގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކުރެވި ރާއްޖޭން ފުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ބިދޭސީއެއްގެ ވާރކް ޕާރމިޓްގައި ވެލިޑިޓީ އޮތްނަމަ އެފަދަ ބިދޭސީއަކަށް ރާއްޖޭން ފުރުމުގެ ހުއްދަދެވޭނެއެވެ. މިފަދަ ހާލަތްތަކުގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކޮށް ރާއްޖޭން ފުރައިގެން ދެވޭނީ ރާއްޖެއަށް އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި 01 ފަހަރުއެވެ.

މީގެ އިތުރުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ބިދޭސީންގެ ވާރކް ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވުމުން، ބިދޭސީންގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.

ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާތައް

އިމިގްރޭޝަނުން ވިދާޅުވީ ވާރކް ވީޒާ ފިޔަވައި އެހެން ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވީޒާ ދޫކުރެވުނު ނަމަވެސް، ކުރިން އެ ފަރާތްތަކަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާ އަށް ބަދަލެއް ނުވާނެކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން އީ-ވީޒާ ދޫކުރެވުނު ނަމަވެސް، ކުރިން އެ ފަރާތްތަކަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވީޒާއެއް އޮތްނަމަ، އެ ވީޒާގެ މުއްދަތު ހަމަވަންދެން އެވީޒާގެ ސައްހަކަން ދެމި އޮންނާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އަދި މިފަދަ ފަރާތްތަކުން އީ-ވީޒާއަށް އެދި ހުށަހަޅުއްވާނީ މިހާރު ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. އަދި މިމަހުގެ 23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ މަލްޓިޕަލް އެންޓްރީ ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަ، އެ ވީޒާގެ މުއްދަތުގެ ތެރޭގައި އެ ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނެއެވެ.

މީގެ އިތުރުން މިމަހުގެ 23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަ، އެ ވީޒާގެ މުއްދަތުގެ ތެރޭގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ.