ބަރްހެއިންގައި ކުރިޔަށްދާ ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕް ކަމުގައި ބަލާ، ޑޭވިސް ކަޕް 2025 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓެނިސް ޓީމު ކުޅުނު ފުރަތަމަ މެޗުން ޔޫއޭއީ ބަލިކޮށްފިއެވެ.
މިއަދު ފެށި ޑޭވިސް ކަޕް މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު 2 ގޭމް 1 ގޭމުން ރާއްޖެއިން ކާމިޔާބު ކުރިއިރު ރާއްޖެ ހިމެނެނީ އޭޝިއާ/އޯޝޭނިއާ ގުރޫފް 5 ގައެވެ.
ޔޫއޭއީއާއި ދެކޮޅަށް ރާއްޖޭން ކުޅުނު ފުރަތަމަ މެޗުތަކުގެ ތެރެއިން ސިންގަލްސްގައި ރާއްޖޭގެ ދާއޫދު ޝަހީބާއި، ޔޫއޭއީގެ އަބްދުއްރަހްމާން އަލް ޖަނާހީ ވާދަކުރި މެޗު ޔޫއޭއީން ކާމިޔާބު ކުރީ 3-6 ންނެވެ. ސިންގަލްސްގެ ދެވަނަ މެޗުގައި ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން އަބްދުﷲ ފާއިހް ފަޒީލް ނިކުތީ ޔޫއޭއީގެ އަހުމަދު ބަދްރީއާއި ދެކޮޅަށެވެ. ފާއިހް މި މެޗު ކާމިޔާބުކުރީ 6-0 އަދި 6-2 ންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު، ޑިސައިޑިން ޑަބަލްސް މެޗުގައި ރާއްޖޭގެ ފާއިހްއާއި ދާއޫދުގެ ޕެއާ ނިކުތީ ޔޫއޭއީގެ އަބްދުﷲ އަހުމްދު އާހީ އަދި އަބްދުއްރަހްމާން އަލް ޖަނާހީ އާއި ދެކޮޅެވެ. މި މެޗު ރާއްޖެއިން ކާމިޔާބު ކުރީ 6-2، 7-6 އަދި 6-1 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި 11 ގައުމަކުން ވާދަކުރާއިރު ރާއްޖެ ހިމެނެނީ ގުރޫޕް ޑީގައެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ ޔޫއޭއީ މަކާއޯ އަދި ތަޖިކިސްތާނެވެ. މ މުބާރާތް ކުރިޔަށްދާނީ 19-22 ނޮވެމްބަރުގެ ނިޔަލަށެވެ. ރާއްޖޭގެ ގައުމީ ޓީމުން ދެ މަަހަށްވުރެ ގިނަ ދުވަހު ފަރިތަކުރުންތައް ބޭއްވުމަށްފަހު މި މުބާރާތަށް ދިޔައީ ދެން އޮތް ބުރަށް ކޮލިފައިވުމުގެ އުންމީދާއެކުގައެވެ. ރާއްޖޭގެ ޓީމަށް އިރުޝާދު ދެނީ، ޤައުމީ ޓެނިސް ޓީމުގެ ކޯޗު، އީރާނުގެ އަލީ ރިޒާއެވެ.