އެންޓީގާ އެންޑް ބާބުޑާއަށް ކަނޑައަޅުއްވާ ސަފީރަކަށް ޝިރުޒިމަތު ސަމީރު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު މައްސަލަ ނިންމިގޮތުގެ ރިޕޯޓް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެގޮތުން އެ ކޮމިޓީންވެސް ފާސްކުރީ އެންޓީގާ އެންޑް ބާބުޑާއަށް ނޮން - ރެޒިޑެންޓް ސަފީރު ނުވަތަ ރާއްޖޭން ކަނޑައަޅުއްވާ ސަފީރު ކަމަށް ޝިރުޒިމަތު އައްޔަންކުރަން ފެންނަ ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ނެގި ވޯޓެއްގައި ޝިރުޒިމަތު އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެންޓީގާ އެންޑް ބާބުޑާއަށް އައްޔަން ކުރައްވާ ޝިރުޒިމަތު ސަމީރަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާވަނީ ޚާރިޖީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމާއި ޖަރުމަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަންގެ މަޤާމު އަދި ބަންގްލަދޭޝަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ޝިރުޒިމަތު މިހާރު ހުންނެވީ ދިވެހިރާއްޖޭން އެކުވެރި ދައުލަތްތަކަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައެވެ.
ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.