ރަށު ކައުންސިލްތަކަށް އިންތިޚާބު ކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައްޔިތުން އެދޭގޮތް ކަމަށާއި ޤާނޫނުތަކަށް އިސްލާހު ހުށަހެޅުއްވީ އިލްމީ ދިރާސާތަކަށްފަހު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެެވެ.
ސަރުކާރުގެ ފަރާތުން ވަނީ ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައެވެ. މި އިސްލާހުގައި އާބާދީ 2000 އަށްވުރެ މަދު ރަށްރަށަށް 3 ކައުންސިލަރުން އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށަށް 5 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހިމަނާފައެވެ.
މި އިސްލާހުގެ ބަހުސް މަރުހަލާގައި މަޖިލީހުން ދެއްވި ދައުވަތުގައި ވަޑައިގެން ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަނެފައިވާ ރައްޔިތުންގެ ބާރުވެރިކަން ފެނިގެންދާ ނިޒާމެއް ކަމަށެވެ. މިނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުން އެދޭ ކަމަށާއި ކައުންސިލްތަކަކީ ރައްޔިތުން އިތުބާރު ކުރާ، ރައްޔިތުންނަށް ޖަވާބުދާރީ ކުރުވޭނެ ތަންތަނަށް ހަދަން ނިޒާމަށް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅުއްވާފައިވަނީ އެކަމުގެ ޢިލްމީ ދިރާސާތަކަށްފަހު ކަމަށެވެ. އެގޮތުން، ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދިޔަ ދިރާސާއަށް ވަޒީރު އާދަމް ޝަރީފް އަލިއަޅުއްވާލެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދާއި ލަފާފުޅުގެ ދަށުން މިކަމުގައި ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ދިރާސާއެއް ހައްދަވާފައި. އެ ދިރާސާއިން ވަރަށް ސާފުކޮށް އެނގޭގޮތުގައި މިހާރު އޮތް އަދަދަށްވުރެ ކައުންސިލްގެ އަދަދު ކުޑަކުރުން އެއީ މުހިންމު ކަމެއް ކަމަށް ރައްޔިތުންނަށް ފާހަގަކުރެވިފައި އޮތީ. އަދި އެ ދިރާސާއިން ފާހަގަކުރެވުނީ 5ގެ ބަދަލުގައި 3 އެއީ އެންމެ އެކަށޭނެ އަދަދެއްކަމަށް" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނަ ބަދަލާއެކު އަތޮޅު ކައުންސިލް އުވާލުމަށް ނިންމާފައިވާއިރު މިހާރު އަތޮޅު ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ކަށަވަރުވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރަން ލަފާ ދެއްވުމަކީ ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ހާމަވާ ކަމެއް ކަމަށްވެސް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.