ސަޢުދީ ޢަރަބިއާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުގެ މައްޗަށް ގަތަރުން ކުރި ހޯދައިފިއެވެ.
މިއީ މުބާރާތުގައި ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމުން ކުޅުނު ތިންވަނަ މެޗެވެ. މި މުބާރާތުގައި ގަތަރު މިހާތަނަށް ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ގުރޫޕް އޭގައި ގަތަރު ކުޅުން ދެ މެޗުން އެ ޓީމު ވަނީ 80 ލަނޑު ޖަހާފައެވެ.
މެޗްގެ ފުރަތަމަ ހާފްގައި ރާއްޖެއަށް ލަނޑު ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ މެޗުގެ ހަތްވަނަ މިނެޓްގައެވެ. އަބްދުﷲ ނާޖީ ފޮނުވާލި ބޯޅަ ގަތަރުގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ރާއްޖޭގެ އިސްމާޢީލް ފަރުޙާނަށް ލިބުމުންނެވެ. ނަމަވެސް ފަރުޙާން ފޮނުވާލި ބޯޅަވެސް ވަނީ ގަތަރުގެ ކީޕަރު ދިފާޢުކޮށްފައެވެ. ފުރަތަމަ ހާފްގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ނުވަވަނަ މިނެޓްގައި އަބްދުﷲ އައްޒާމެވެ.
މިމުބާރާތުގައި ރާއްޖެއިން މިހާތަނަށް އިރާން އަދި ޔޫއޭއީއާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް އެ ދެ ޓީމުގެ ފަރާތުން ވަރަށް އަވަސް ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް މި މެޗްގައި ގަތަރުން ކުޅެފައިވަނީ ވަރަށް ބޮޑަށް ހަމަޖެހިލައިގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަޙްމަދު ސައިފެވެ. އަދި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރާއިދު ރަޝީދެވެ. މި މެޗުގައި ރާއްޖެއިން ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އަސްލަމެވެ. މި މެޗުގެ ފުރަތަމަ ހާފު ނިނުނުއިރު ބޮޑު ތަފާތަކުން ލީޑު ކުރަމުންދިޔައީ ގަތަރުންނެވެ. އެއީ 24-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ގަތަރުން ހަމަޖެހިލައިގެން ކުޅުނުއިރު، ފުރަތަމަ ހާފާ ޚިލާފަށް އެ ޓީމުން ދެވަނަ ހާފުގައި ކުޅެމުން ގޮސްފައިވަނީ ވަރަށް ބޮޑަށް ޑިފެންސް ވަރުގަދަކޮށްގެންނެވެ. މިއާއެކު ރާއްޖެއިން ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ވަނީ ކާމިޔާބުވާ ގޮތްނުވެފައެވެ. ދެވަނަ ހާފުގައި ރާއްޖެއިން ގަތަރުގެ ގޯލް ފޫއަޅުވާލެވިފައި ވަނީ މި ހާފުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ފިރުނާޝެވެ.
ރާއްޖެއިން ކުޅުން ރަނގަޅުކުރުމަށް ނެގި ޓައިމްއައުޓްގެ ބޭނުން ވަނީ ހިފާފައެވެ. އެއަށްފަހު ކުޅެން ނިކުމެ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި ފިރުނާޝް ވަނީ ރާއްޖޭގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗު ގަތަރުން ކާމިޔާބުކޮށްފައިވަނީ 44-6 ގެ ނަތީޖާއަކުންނެވެ.
މި މެޗާއެކު ރާއްޖެއަށް ވަނީ މި މުބާރާތް ނިމިފައެވެ. ގުރޫޕް އޭގައި ރާއްޖެ ވާދަކޮށްފައިވަނީ އިރާން އަދި ޔޫއޭއީއާއެވެ. ކުޅުނު ތިން މެޗުން މޮޅު ގަތަރު ޓީމުން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ.