ދިވެހިރާއްޖޭގެ އަޑުން ބާއްވާ ކުރު ވާހަކަ މުބާރާތާއި، ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތްތަކުގެ ރިކޯޑިންތައް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ދައްކައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ދަށުން ހިންގާ ރޭޑިޔޯ ޗެނަލް ދިވެހިރާއްޖޭގެ އަޑުން ވިދާޅުވީ، ކުރު ވާހަކަ މުބާރާތާއި ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކުރު ވާހަކަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕީއެސްއެމްގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށައަޅަން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން މަޢުލޫމާތު ދެއްވިއެވެ. އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޤުރުުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން، ނަން ނޯޓުކުރަން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ވިދާޅުވިއެވެ.
"ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ކުދިން ބައިވެރިވޭ. ޓީވީއާއި ރޭޑިޔޯއިން ގެންނާނީ، 40 މާކްސްއިން މަތިން ލިބޭ ކުދިންގެ ކިޔެވުންތައް." ޤުރުއާން މުބާރާތުގެ ޕްރޮޑިއުސަރ ޢާއިޝަތު ރިޒްމީ ވިދާޅުވިއެވެ.
"މުބާރާތަށް ވާހަކަ ކިޔުންތެރިންނަށް ދިވެހިރާއްޖޭގެ އަޑުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ރިކޯޑް ކުރުމުގައި. އެ ރިކޯޑިންތައް ރޭޑިޔޯއިން އިއްވާނެ." ކުރު ވާހަކަ މުބާރާތުގެ ޕްރޮޑިއުސަރ ނާފިޒާ ޢަބްދުއްރަޝީދު ވިދާޅުވިއެވެ.
ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތަކީ، ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ، 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ.
ކުރު ވާހަކަ މުބާރާތުގެ މަޤުޞަދަކީ، ދިވެހިބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ ފަންނު ދިރުވައި އާލާކޮށް، އެ ފަންނާ މެދު މީހުން ޝައުޤުވެރި ކުރުވުމާއެކު އަދަބީ ގޮތުންނާއި، ފިކުރީ ގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކަށް މަގުފަހި ކުރުމާއި އެފަދަ އުފެއްދުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދިނުމެވެ. މި މުބާރާތުގައި ލިޔުންތެރިއެއް އަދި ކިޔުންތެރިއެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. މިގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ވިދާޅުވިއެވެ.